އެއްވެސް މީހަކީ ހަލާކުވެ ދިޔުމަށް އެދޭނެ މީހެއް ނޫނެވެ. އަދި އެއްވެސް މީހަކީ ﷲގެ އަޒާބުގެ ރަހަ ދެކެން ބޭނުންވާނެ މީހެއް ނޫނެވެ.
އިސްނާނުން ދުނިޔެ މައްޗަށް ފޮނުއްވެވީ މާތްﷲއަށް އަޅުކަން ކުރުމަށާއި ދާއިމީ ހަޔާތް (އުހްރަވީ) ހަޔާތައް ތައްޔާރުވުމުގެ ގޮތުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވަނީ އެމީހުން ދުނިޔެއަށް ފޮނުއްވެވި ހަޤީޤީ މަޤުސަދު ހަނދާންނެތިފައެވެ. އަދި މި ފަނާކުރަނިވި ދުނިޔޭގެ ފޮނި މީރުކަމާއި ލައްޒަތުގެ އަވައިގައި ޖެހިފައެވެ. ﷲ ނުރުއްސަވާ ނުވަތަ ބޮޑެތި ފާފައިގެ ގޮތުގައި ކަނޑައަޅުއްވާ ބަޔާންކުރައްވާފައިވާ އެތައް ކަމެއް ދަނީ އެއްވެސް ޖެހިލުމެއް ނެތި ކުރަމުންނެވެ.
އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ހަތް ކަމެއް ބަޔާން ކުރައްވާ ނަބިއްޔާ މުޙައްމަދުއް ޞައްލަﷲ އަލަޢިހި ވަސައްލަމަ ހަދީޡްކުރައްވާފައިވެއެވެ.
(اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ)
މާނައީ: “ތިޔަބައިމީހުން ހަލާކުކޮށްލަނިވި(ބޮޑުވެގެންވާ) ހަތްކަމަކުން ދުރުވާށެވެ.” ދެންނެވުނެވެ. އޭ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ﷲއަށް ޝަރީކުކުރުމެވެ. އަދި ޞިހުރު ހެދުމެވެ. އަދި ﷲޙަރާމްކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމެވެ. އަދި ރިބާކެއުމެވެ. އަދި ޔަތީމުންގެ މުދާ ކެއުމެވެ. އަދި ޖިހާދުގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި ފިލުމެވެ. އަދި މުއުމިނު ޢިއްފަތްތެރި ބަރީޢަވެގެންވާ އަންހެނާގެ މައްޗަށް ޒިނޭގެ ތުޙުމަތުކުރުމެވެ.”
މި ހަތްކަންތަކުގެ ތެރެއިން ގިނަ ކަންތައްތަކަކީ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުންވެސް ވަަރަށް އާންމުކޮށް ފެންނަމުންދާ ކަންތައްތަކެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ފާފަތަކުން ދުރުހެލިވެ އުޙްރަވީ ހަޔާތް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.
މަސްދަރު :ވޮއިސް އޮފް އިސްލާމް