ރައީސް މުހައްމަދު ނަޝީދު ފަނޑިޔާރުގެއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ފަނޑިޔާރުގެއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ)ގެ ކެމްޕޭނު ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުގެއާއި ގޭންގްތަކާއި ގުޅުމެއްވާ ކަމަށާއި ފަނޑިޔާރުގެއިން ހުކުމް އިއްވަމުން ދަނީ ފައިސާގެ ނުފޫޒުން ކަމުގައި ވާނަމަ ނުވަތަ އެހެންވެސް ނުފޫޒަކުން ކަމުގައި ވާނަމަ ފުދިގެން އުޅޭ ދިރިއުޅުން ނުލިބޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ ހުސްނުއްސުއޫދު ކޯޓުތަކާ ބެހޭ ގޮތުން އިތުރުފުޅެއް ނުހަށްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
''ކުރީގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައި ހުންނެވި ހުސްނުއްސުއޫދު ވިދާޅުވެއްޖެ ރާއްޖޭގެ ފަނޑިޔާރުގެތަކާ ގުޅޭ ގޮތުން ވަރަށްގިނަ ވާހަކަ. ހަމަ ގައިމުވެސް އަޅުގަނޑު އެބޭފުޅާ އެދެއްކެވި ވާހަކަފުޅު ގަބޫލުކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ހުސްނުއްސުއޫދު އިތުރުފުޅެއް ނުހައްދަވާނެ. އަދި ވާހަކައެއް ހަދައިގެން ދެއްކުމުގެ ބޭނުމެއްވެސް ނޯންނާނެ. ރާއްޖޭގެ ފަނޑިޔާރުގެތަކާ ރާއްޖޭގެ ގޭންގުތަކާ މާލޭގެ މަގުތަކުގައި މިއުޅޭ ގޭންގުތަކާ ގުޅުން އޮވޭ. ފަނޑިޔާރުގެތަކުން ރަނގަޅު ހުކުމް ނީއްވޭ ކަމަށް ވާނަމަ، އަދި ހުކުމް އިއްވަމުންދަނީ ފައިސާގެ ނުފޫޒުން ކަމަށްވަނީނަމަ ނުވަތަ އެހެން ވެސް ނުފޫޒަކުން ކަމުގައި ވަނީނަމަ އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ތަރައްގީއެއް ނޫން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞޯލިހުވެސް ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ފަނޑިޔާރުން ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތުނުކޮށް ހުރި ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.
ކޯޓުތަކާ ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރައްވައި ހުސްނުއްސުއޫދު މީޑިއާގައި ދެއްކެވި ވާހަކަތައް ސުޕުރީމް ކޯޓާއި ކުރިމިނަލް ކޯޓުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެކަން ބަލާނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.