މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ޖަލުގައި މަރުވި މީހުންގެ އަދަދު ހޯދަން އެދިފައިވާނެ ކަމަށް، ޖަލުގެ ހާލަތު އޮޑިޓުކުރުމަށް ހޯމް މިނިސްޓްރީއިން އުފެއްދި ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ މެމްބަރު ޝަހިންދާ އިސްމާއިލް ވިދާޅުވީ، ކަރެކްޝަންސްގެ އިހުމާލުން މަރުވި މީހުންގެ އަދަދާއި އެނޫން ވެސް މައުލޫމާތު ހޯދުމަށް އެ އިދާރާގައި އެދިފައިވާ ކަމަށެވެ.
"ޖަލުގެ މަރުގެ އަދަދުތަކުގެ ތަފްސީލްތަކަށް އަޅުގަނޑުމެން ރިކުއެސްޓް ކޮށްގެން މިއުޅެނީ. އަޅުގަނޑުމެން މި ބަލާ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ހުރިހާ މަރުތަކުގެ ތަފްސީލުތަކާއި އަދި އެއާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައްވެސް އަޅުގަނޑުމެން ހޯދާނަން" ޝަހިންދާ ވިދާޅުވިއެވެ.
ކަރެކްޝަންގެ އިހުމާލުން ޖަލުތަކުގައި ޤައިދީން މަރުވާ މައްސަލަ އާއި ޤައިދީންނާއި މެދުގައި ލާއިންސާނީ އަނިޔާތައް ކުރުމުގެ ތުހުމަތު ގިނަ ބަޔަކު ދަނީ ކަރެކްޝަން އަށް ކުރަމުންނެވެ.
ޖަލުތައް އޮޑިޓްކުރުމަށް ހޯމް މިނިސްޓްރީން ހަތް މެމްބަރުންގެ ކޮމިޝަނެއް އުފެއްދީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. އަދި އެ ކޮމިޝަންގެ މަސައްކަތް 75 ދުވަސް ތެރޭގައި ނިންމާ އެކަމުގެ ރިފޯޓު ހޯމް މިނިސްޓަރަށް އަރުވަން ޖެހޭއިރު ޖަލުތަކާއި ބެހޭ އޮޑިޓެއް ކުރުމަކީ ރައީސް ޞޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.