ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.
ސަލްޓަން ޕާކުގައި ކުރިން ހުރި އެ މިސްކިތް އެ ޕާކް ތެރޭގައި އަލުން ބަހައްޓަން ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފުތާގައ ވަނީ ނިންމާފައެވެ. ނަމަވެސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މިސްކިތް ބަހައްޓާނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު އޮފީސް ހުރި ބިމުގައި ކަމަށެވެ. އަދި އެއީ ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމެއްކަމަށްވެސް އެބަޔާނުގައި ވެއެވެ.
އެ ބަޔާނުގައިވާ ގޮތުން އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް އެ ހެރިޓޭޖު މިނިސްޓްރީއިން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތް ބަހައްޓާ ބިމުގެ ކުރެހުންތައް ތައްޔާރުކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތްކުރިއަށް ދާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން މިސްކިތުގެ ލަނކުޑިތަކަށް ދޭން ޖެހޭ ފަރުވާ ދިނުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމުގައި މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ސަންޓަން ޕާކުގައި ހުރި ތާރީޙީ ކަޅުވަކަރު މިސްކިތް އެތަނުން ނެގީ މިހާރު އެތަނުގައި ފެންނަން ހުރި ވިންޓާ ޕާކު ހެދުމަށް ކުރީގެ ރައީސް އަބްދުﷲގެ ސަރުކާރުންނެވެ. ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުން ނެގުމުން އެއިރުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވިއެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވައި އެ މިސްކިތް ބެހެއްޓުމަކީ ރައީސް ޞޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.