ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން މާލޭ ޖަލުތަކުގެ ހާލަތު ބައްލަވައިލައްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ނެޝެނަލް ޕްރިވެންޓިވް މެކޭނިޒަމް ޑިޕާޓްމަންޓްގެ ބޭފުޅުން، މާލޭގައި ގައިދީން ބަހައްޓާ ޖަލުތައް ބަަލައިލުމަށް ޒިޔާރަތް ކޮށްފައިވަނީ، މާލޭ ޖަލަށް 2011، 2014 އަދި 2017 ވަނަ އަހަރު ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމަށާއި، ތަންފީޒު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ ގޮތުން ކުރި ޒިޔާރަތެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމް އިން އިތުރަށް ވިދާޅުވީ، އެ ޒިޔާރަތަށްފަހު ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި މާލޭ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޗްއާރުސީއެމް އިން މާލޭގެ ޖަލުތައް ބެލުމުގެ ހާއްސަ ޕްރޮގްރާމު ފަށާފައިވަނީ އިއްޔެއެވެ. އަދި މިއަދުވެސް ވަނީ މާލޭގައި ހުރި ބައެއް ޖަލުތަކަށް ޒިޔާރަތް ކޮށް އެތަނގާއި ކަންތައްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވާފައެވެ.