އަދުލުގެ ނިޒާމް (ޖުޑިޝަރީ) އިސްލާހު ކުރުމަށް ބަންޑާރަ ނައިބާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރުމަކީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކުރިއަށް ގެންދަންޖެހޭ ކަމަކަށް ވާތީ އެ މަސައްކަތުގެ މަޝްވަރާތައް މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން ކުރިއަށްދާ ކަމަށެވެ.

"މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނައިގެން އަދި މަޝްވަރާޔާއެކު ކުރަންޖެހޭ ކަމެއް. އެހެންވީމަ އެ މަސައްކަތްތަކުގެ ދިރާސާތައް މިހާރު ދަނީ ކުރަމުން އަދި އެ މަސައްކަތްތައް ކުރަނީ ބޭރުގެ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތަކުން ދޭ އިރުޝާދާއި ލަފާގެ މަތިން،" ޝައުނާ ވިދާޅުވިއެވެ.

އެގޮތުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ ފަސް އަހަރު ނިމިގެންދާއިރު އިންސާފު ގާއިމުކުރެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ. 

ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުތަކަށް އައްޔަންކޮށްފައިވަނީ ގޭންގުތަކުގެ ނުފޫޒުންނާއި އަދި އެފަދަ ފަނޑިޔާރުން ގޭންގުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް، މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. އަދި ގޭންގު މީހުން ބުނާ ގޮތަށް ފަނޑިޔާރުން ހުކުމް ކުރާ ކަމަށާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާ ގޭންގުތަކަށް ބަހާފައި އޮންނަ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *