ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް ރައީސް އައްޔަން ކުރައްވާފައިވަނީ ޝާފިޢު ޢަލީ އެވެ.
ޝާފިޢު ޢަލީ އަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިޢު ޢަލީ މަސައްކަތް ކުރައްވާފައިވެއެވެ. އަދި އެ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައިވެސް ޝާފިޢު ޢަލީ ވަނީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް ޝާފިޢު ޢަލީ ކުރައްވާފައިވެއެވެ.
ޝާފިޢު ޢަލީ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން "ބެޗެލަރ އޮފް ޓީޗިންގ – ސެކަންޑަރީ" ހާސިލު ކުރައްވާފައެވެ.