ރާއްޖޭގެ ޖަލުތަކުގައި ކުރިމަތިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަލުތަކުގައި ޤައިދީން މަރުވުން ކަމަށް ޖަލުތައް އޯޑިޓް ކުރުމަށް ހޯމް މިނިސްޓްރީއިން އެކުލަވާލި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރިސަންސް އޯޑިޓް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.
އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ މެންބަރެއް ކަމަށްވާ ޝަހިންދާ އިސްމާއިލް ވިދާޅުވީ, އެ ކޮމިޝަންއަށް މިހާތަނަށް ފާހަގަވެފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ ޖަލުތަކުގައި ޤައިދީން މަރުވުން ކަމަށެވެ. އަދި އޭގެ އިތުރުން ސިއްހީ މައްސަލަތަކަކީވެސް ކަންބޮޑުވުން އޮތް މައްސަލައެއްކަމުގައި އޭނާ ވިދާޅުވިއެވެ.
"އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ ޖަލުތަކުގައި މީހުން މަރުވުން. ދެވަނަ ކަމަކަށް މިއޮތީ މި ހުރި ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް އަދި ޖަލުތަކުގައި މީހުންނަށް އަނިޔާ ކުރުމާއި ލާއިންސާނީ ގޮތްގޮަތަށް ކަންތައްތައް ކުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް" ޝަހިންދާ ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރާ ކޮމިޝަންގެ މަސައްކަތް 18 ޑިސެމްބަރުގައި ފަށާފައިވާއިރު އެ ކޮމިޝަންގެ މަސައްކަތް 75 ދުވަސް ތެރޭގައި ނިންމާ އެކަމުގެ ރިޕޯޓު ހޯމް މިނިސްޓަރަށް އަރުވަން ޖެހެއެވެ.
އެ ކޮމިޝަންގެ މަސައްކަތްތައް މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮޑިޓްގައި ޖަލުތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ޤައިދީންނާއި މެދުގައި ކަންކަން ކުރަމުން އަންނަ ގޮތާއި ޖަލުތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ހުރި ނެތްވަރުވެސް ބަލާނެއެވެ.
ޖަލުތައް އޯޑިޓް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާ އިރު، ހޯމް މިނިސްޓްރީއިން ވިދާޅުވާ ގޮތުގައި ޖަލުތައް އޯޑިޓް ކުރުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގެ މިހާރު ހާލަތު ބަލާ، އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުން ކަމަށެވެ.