ގިލިލަންކަންފުށީގައި ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ރިސޯޓްގެ ބޮޑު ބައެއް އަނދައި ހުލިވެ އެ ރިސޯޓް ހުއްޓުމަކަށް އައިސްފި އެވެ. ރޭ 10 ޖަހާކަންހާއިރު ރޯވި އަލިފާން ނިއްވާލެވުނު އިރު ހަތް ކޮޓަރި އާއި ރިސޯޓްގެ މައި ރެސްޓޯރެންޓާއި ބަދިގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ގިލިލަންކަންފުށީގެ ވޯޓާ ވިލާ ތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލެވޭ ގޮތްނުވެ ރަށުތެރެއަށް ފެތުރިގެން ދިޔައީ އެވަގުތު ޖެހެމުން ދިޔަ ގަދަ ވައިގެ ސަބަބުންނެވެ. ލަކުޑިއާއި، ރުކުފަނުން ފަރުމާކުރެވިފައިވާ, ފަނަރަހާސް އަކަ ފޫޓޫގެ ބޮޑު ވޯޓާ ވިލާގައި ރޯވި އަލިފާންގަނޑު އެހެން ވިލާތަކަށް ފެތުރިގެންދާކަށް މާގިނައިރެއް ނުނަގަ އެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު 99 ގެސްޓުން ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ކަމަށް ރިސޯޓުގެ މެނޭޖްމަންޓުން މައުލޫމާތު ދެއެވެ. އަދި އަލިފާން ރޯވުމާއިއެކު ހުރިހާ މުވައްޒަފުންނާއި ގެސްޓުން ރައްކާތެރި ކަމާއެކު އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރިސޯޓުގައި އޭރު ތިބި ޓޫރިސްޓުން ބަދަލު ކުރީ، އަދާރަން ސެލެކްޓް ހުދު ރަންފުށި ރިސޯޓަށާއި ކޮމޯ މާލި ފުށި ރިސޯޓް އަށެވެ. މިހާދިސާގައި އެއްވެސް ގެސްޓަކަށް އަދި މުއައްޒަފަކަށްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ހާދިސާއަށް ފަހު ރިސޯޓްގެ އޮޕަރޭޝަން ހުއްޓާލައި، އިވެލުއޭޝަންތަކެއް ހަދަމުން އަންނަ ކަމަށް ވެސް ރިސޯޓުގެ މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.
އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހޯދިފައެއްނުވެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ހޯދަމުން އަންނަކަމަށައީ، އަދި މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ފުރިހަމަ ތަހުގީގެއް ފަށާނެ ކަމަށެވެސް ރިސޯޓުގެ މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.
ރޭ 10 ޖަހާކަންހާއިރު ރިސޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 5.30 ހާއިރުއެވެ. ޖެހެމުންދިޔަ ގަދަވަޔާ އެކު އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން އެމްއެންޑީއެފް ވަނީ އިތުރު ސިފައިން އެ ރަށަށް ފޮނުވައިފައެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ ރަށު ތެރެއަށް ވެސް ފެތުރިގެން ދިޔަަކަމަށެވެ. އަދި ޖުމްލަ ހަތް ކޮޓަރިއާއި އެއް ނަންބަރު ޖެޓީ އަނދައިގެން ގޮސްފައިވާ ކަމަށާއި، ރަށުތެރޭގައި ހުންނަ ރިސޯޓްގެ ރެސްޓޯރަންޓްގެ ބޮޑު ބައެއް ވެސް އަނދައިފައިވާ ކަމަށެވެ.