ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ސިޔާސަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ކުރުމަށް ކަނޑައެޅި ހުރިހާކަމެއް ނިމިފައިވާކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ކޮށްނިންމުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކަނޑައަޅާ ބަޖެޓް 3 ގުނައަށް އިތުރުކުރުމަށް ކުރެވުނު މަސައްކަތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިހިނގާ އަހަރަށް 10 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. މިއީ މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު، މިއީ 3 ގުނަ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމަށް ގެސްޓްހައުސް މަހާސިންތާއެއްވެސް ބާއްވާފައެވެ. މިގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއިއެކު އެކަންކަން ހާސިލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް މޯލްޑިވްސް ގެސްޓްހައުސް ސިމްޕޯސިއަމް ނަމުގައި މަހާސިންތާއެއް ބާއްވާފައިވަނީ، މިދިޔަ ޑިސެމްބަރު މަހު 24 ވަނަ ދުވަހުއެވެ. މި މަހާސިންތާގެ ސަބަބުން ކުރިއަށްއޮތްތަނުގައި ގެސްޓްހައުސް ވިޔަފާރިއަށް ހެޔޮ ބަދަލުތައް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ގެސްޓްހައުސް ވިޔަފާރި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ވަނީ މި މަހާސިންތާގައި ބައިވެރިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *