ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނަ ކްރޫޒްލައިނާތަކަށް މާލެއާ 1.2 ކިލޯ މީޓަރު ދުރުގައި ބަނދަރުކުރެވޭނެ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނަ ކްރޫޒްލައިނާތައް މާލެއާއި ދުރުގައި ބަނދަރުކުރަންޖެހުމަކީ ފަތުރުވެރިން މާލެ ގެނައުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމެއްކަމަށާއި، ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއް ކަމަށެވެ. ކްރޫޒްލައިނާތަށް މީގެ ކުރިން ބަނދަރުކުރަމުން ދިޔައީ މާލެއާއި ގާތްގަނޑަކަށް 3.7 ކިލޯ މީޓަރު ދުރުގައެވެ.
ފަތުރުވެރިކަމުގެ ޚިދުމަތްތައް އެއްފެންވަރެއްގައި ހިފެހެއްޓުމަށް ތަންތަން އިންސްޕެކްޓުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާއިރު މަޢުލޫމާތު ހޯދުމަށާއި އާންމު ފަރާތްތަކުގެ ޝަކުވާ ފަސޭހަކަމާއިއެކު ހުށަހެޅުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވަނީ ހޮޓްލައިނެއްވެސް ތަޢާރަފްކޮށްފައެވެ.