ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ފަރުވާއަށް ފަހު ގޭ ބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ދެ މަހުގެ މުއްދަތަކަކަށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

އަހުމަދު އަދީބް ވަނީ ރޭގެ ވަގުތެއްގައި އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ. އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ބޭސްފަރުވާއަށް ގޭގައި ބެހެއްޓުމަށް ޑޮކްޓަރުން ދެއްވި ލަފަޔާއި ހިލާފަށްކަމަށް ބުނެ އަދީބުގެ ސަޕޯޓަރުން ދަނީ ޝޯޝަލް މީޑިއާ ފާޑުކިޔަމުންނެވެ. އެގޮތުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބަށް ޑޮކްޓަރުން ދެއްވި ލަފާގެ މުއްދަތު ހަމަވާނީ ޖެނުއަރީ މަހުގެ 28 ގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން އަދީބު ޖަލަށް ގެންގޮސްފައިއެވަނީ ޑޮކްޓަރުން ދެއްވި ލަފާގެ މުއްދަތު ހަމަނުވަނީސްކަމަށް ނަޝްވާގެ ޓުވީޓުގައި ބުނެފައިވެއެވެ.

ފާޑުކިއުންތަކަށް ރައްދުދެއްވަމުން ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނީ އޮކްޓޯބަރު މަހުގެ 24 ވަނަދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 24 ގެ ނިޔަލަށްކަމަށެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހަށް ދެ މަސްދުވަހުގެ މުއްދަތު ހަމަވެފައިވާއިރު އޭގެފަހުން އަދީބު ގޭގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވާފައި ނުވާކަމަށްވެސް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވިއެވެ.

"ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ، އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްޤު ޤާނޫނާއި ހިލާފަށް މި ސަރުކާރުން ނުހިފައްޓާނެ" ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދީބުގެ ކިޑްނީގައި ހިލައެއް އުފެދިފައިވާ ކަމަށާއި، އެހިލަ ނެގުމަށް މިދިޔަ މަހު އޮޕަރޭޝަނެއް ކުރުމަށްފަހު އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދި ގެއަށް ބަދަލު ކުރުމުން އަދީބް ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާ އެ ޕާޓީގެ ރައީސްކަމަށްވެސް އިންތިހާބު ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *