ކ.އަތޮޅުގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑު ބައެއް އަންދައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ މިރޭ، 10:30 ހާއިރުއެވެ. އެ ރިސޯޓަށް ދިޔަ އެމްއެންޑީއެފްގެ ފަޔާ ޓީމަށް އަލިފާންގަންޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން އިތުރު ފަޔާ ޓީމެއް މާލެއިން އެ ރިސޯޓަށް ގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.


ރިސޯޓުގެ މުއައްޒަފަކު "ޖަޒީރާ" އަށް މައުލޫމާތު ދިންގޮތުގައި، ގިނަ އިރުތަކެއް ވަންދެން އަލިފާންގަނޑު ކޮންޓްރޯލްނުވުމުގެ ސަބަބުން ރިސޯޓުގެ ބޮޑު ބައެއް ވަނީ އަނދައިފައެވެ. އަދި ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރޭ މިންވަރުވެސް ވަރަށް އަވަސް ކަމަށް މައުލޫމާތު ލިބެއެވެ. 

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެއް ނަންބަރު ޖެޓީ ސަރަހައްދުންނާއި ވޯޓާ ވިލާތަކުގައި ރޯވި އަލިފާންގަނޑު ނިވިފައި ވީ ނަމަވެސް ވަރަށް ބޮޑު ބައެއް އަނދާފައިވާ ކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ރަށުތެރެއަށް ފެތުރެމުންދިއަ އަލިފާންގަނޑުވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ރިސޯޓުގެ ރެސްޓޯރަންޓްގެ ބަދިގޭގައި ރޯވި އަލިފާންގަނޑުވެސް ވަނީ ކޮންޓްރޯލްކުރެވިފައެވެ.

"މިހާރު ވަނީ އަލިފާންގަނޑުގެ 70 އިންސައްތަ ކޮންޓްރޯލް ކުރެވިފައި" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވިއެވެ. 

ރިސޯޓުގެ ހުރިހާ ކޮޓަރިއަކީވެސް މޫދުގައި އަޅާފައިވާ ކޮޓަރިތަކެކެވެ. އަލިފާނުގެ ހާދިސާގައި ގައިގަނޑަކަށް ހަތް ކޮޓަރިވަރު އަދާފައިވާ ކަމަށް "ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވެއެވެ. 

މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ. އެއީ އަލިފާން ނިންމުވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުއައްޒަފެކެވެ. ނަމަވެސް އެ މީހުންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.  އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

އެ ރިސޯޓުން ކުރި ޓުވީޓެއްގައި ބުނީ އަލިފާނުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ބައެއް ގެސްޓުން އެހެން ރިސޯޓުތަކަށް ބަދަލުކޮށް އެކޮމަޑޭޝަން ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ބައެއް ގެސްޓުން ރިސޯޓުގެ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އާ އަހަރާއި ދިމާކޮށް ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މިދުވަސްވަރަކީ ކްރިސްމަސް ފާހަގަ ކުރުމަށް ރިސޯޓުތަށް ފުރިފައިވާ ދުވަސް ވަރެކެވެ. އަދި ގިލިލަންކަންފުށީގައިވެސް އެވަގުތު ވަރަށް ގިނަ ފަތުރުވެރިން ތިބި ކަމަށް "ޖަޒީރާ" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *