ހިޔާނާތާއި ޓެރަރިޒަމްގެ އެކިއެކި މައްސަލަތަށް ސާބިތުވެ، 33 އަހަރުގެ ހުކުމެއް އިއްވާފައިވަނިކޮށް، ސިއްހީ ހާލުކޮޅު ދެރަވެގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުންނަވާތީ، އޭނާ އަނބުރާ ޖަލަށް ގެންދިއުމަށް ކަރެކްޝަންސްގެ އޮފިސަރުންނާ އެކު ފުލުހުންވެސް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންފައެވެ.
ދާދި ދެންމެއަކު އަދީބު ޖަލަށް ބަދަލު ކޮށްފައިވާިއިރު، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ، އަދީބުގެ ފަރުވާ ނިމުމާއި އެކު ހުކުމް ތަންފީޒު ކުރަން ޖަލަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުން ދިން މުއްދަތު ހަމަވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގޭގައި ހުންނަވަނީ ޑޮކްޓަރުގެ ލަފައާ އެއްގޮތަކަށް ކަމަށް ހޯމް މިނިސްޓަރު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވާއިރު އަދީބު ގޭގައި ހުންނަވާތާ ދޮޅު މަހެއްހާ ދުވަސް ވަނީ ވެފައެވެ.