ހިޔާނާތާއި ޓެރަރިޒަމްގެ އެކިއެކި މައްސަލަތަށް ސާބިތުވެ، ކްރިމިނަލް ކޯޓުން އެކިފަހަރު މަތިން 33 އަހަރުގެ ހުކުމެއް އިއްވާފައިވަނިކޮށް، ސިއްހީ ހާލުކޮޅު ދެރަވެގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދިއުމަށް، ފުލުހުން އެގެއަށް ވަދެއްޖެއެވެ.
އެމްޓީޑީގެ ޓްވީޓެއްގައި ބުނެފައިވަނީ، އަހުމަދު އަދީބު ހައްޔަރުކޮށްގެން ގެންދަން ކަރެކްޝަންސް އިން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންފި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުންނަވާތީ، އޭނާ އަނބުރާ ޖަލަށް ގެންދިއުމަށް ކަރެކްޝަންސްގެ އޮފިސަރުންނާ އެކު ފުލުހުންވެސް ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންފައެވެ.
އަމީނީމަގުގައި ހުންނަ އަދީބުގެ ގެކޮޅު ގ.ދުމަށި ކައިރިއަށް އެމްޓީޑީގެ ސަޕޯޓަރުން ދަނީ އެއްވަމުންނެވެ. އަދި އަދީބު އަނބުރާ ޖަލަށް ގެންދަނީ ޑޮކްޓަރުން ދިން މުއްދަތު ހަމަވުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ، އަދީބުގެ ފަރުވާ ނިމުމާއި އެކު ހުކުމް ތަންފީޒު ކުރަން ޖަލަށް ބަދަލު ކުރައްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގޭގައި ހުންނަވަނީ ޑޮކްޓަރުގެ ލަފައާ އެއްގޮތަކަށް ކަމަށް ހޯމް މިނިސްޓަރު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައިވާއިރު އަދީބު ގޭގައި ހުންނަވާތާ ދޮޅު މަހެއްހާ ދުވަސް ވެއްޖެ އެވެ.
އަދީބުގެ ކިޑްނީގައި ހިލައެއް އުފެދިފައިވާ ކަމަށާއި، އެހިލަ ނެގުމަށް މިދިޔަ މަހު އޮޕަރޭޝަނެއް ކުރުމަށްފަހު އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދި ގެއަށް ބަދަލު ކުރުމުން އަދީބް ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާ އެ ޕާޓީގެ ރައީސްކަމަށްވެސް އިންތިހާބު ވެފައެވެ.
(ތަފްސީލް އަންނަނީ...)