ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރެއްވުމަށް ކަނޑައެޅުއްވި ވަޢުދުތައް ފުރިހަމަ ކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމީޔާބީތަކެއް ހާސިލްކުރެވެމުންދާ ކަމުގައި ރައީސް އޮފީހުން ހާމަ ކުރައްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަސް ހަމަވަނީ މިއަދަށެވެ. ސަރުކާރުން މި މުއްދަތުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ 67 ކަމެއްގެ ތެރެއިން 56 ކަމެއް ނުވަތަ 30 ދުވަހުގެ ވައުދުތަކުގެ %84 ފުރިހަމަ ކުރައްވާފައިވާ ކަމަށާއި ތަފާތު 19 ދާއިރާއަކާ ގުޅޭ މުހިންމު އެކިއެކި ކަންކަން ފުރިހަމަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން މަތީ ތަޢުލީމާއި، ކޮރަޕްޝަން ނައްތާލުމާއި، ސިއްހީ ދާއިރާއާއި، ދަތުރުފަތުރާއި، ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ ދުސްތޫރީ ވެރިކަމަކަށް ރުޖޫޢަވުމާއި، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދެވުމެވެ. މިރޮނގުން ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، މިނިވަން ނޫސްވެރިކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމާއި، ތަންފީޒީ އިދާރާތަކަށް ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް މިދިޔަ 30 ދުވަހުގެ ތެރޭގައި ވަނީ އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، އެ ކޮމިޝަނުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެތެރޭގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދެވި އަނެއް ދާއިރާއަކީ ޒުވާނުންނާއި ގުޅުންހުރި ދާއިރާއެވެ. ޚާއްޞަކޮށް ޒުވާނުންނަށްޓަކައި ތައުލީމު އުނގެނުމުގައި ލުއިފަސޭހަތަކެއް ވަނީ ފޯރުކޮށްދެއްވައިފައެވެ. މިގޮތުން މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް 3 އިންސައްތައަށް ކުޑަކޮށް، ލޯން އަނބުރާ ދެއްކުމަށް ހަމަޖައްސަވާފައިވާ މުއްދަތު 25 އިންސައްތައަށް ވަނީ އިތުރު ކޮށްދެއްވައިފައެވެ. މީގެ އިތުރުން، މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދެއްވައިފައެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުއްވުމާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.

އަދި ތިމާވެށީގެ ދާއިރާއިން ސަރުކާރުން ހާސިލުކުރައްވާފައިވާ ކަންކަމުގެ ތެރޭގައި، ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި، ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ހިމެނެއެވެ.

ސިއްހީ ދާއިރާއިން ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައި.ޑީ. ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ޚިދުމަތް ހޯދުމަށް މަގުފަހި ކޮށްދެއްވުން ހިމެނެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކުރިއަށް އޮތްތާނގައި ސަރުކާރުން ކުރަންހުރި ކަންކަމުގެ ތެރެއިން މަދު މިންވަރެއް ކަމަށާއި، މިހާތަނަށް ހާސިލްކުރެވުނު ކަންކަމަކީ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ. މީގެއިތުރުން އިޤްތިޞާދީ ކުރިއެރުމާއި ޤައުމީ ތަރައްޤީއާއެކު ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރެއްވުމުގައި އިތުރު ބާރަކަށް އެކަންކަން ވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވާނީ މިއަހަރުގެ 27 މާރިޗުއަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމުލަ 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދެވުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *