ވެރިރަށް މާލޭ ސިޓީގައި ތިބި ފުލުހުންނަށް ހާއްސަކޮށްގެން "ވޯކް އެންޑް ޓޯކް" ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މާލޭ ސިޓީގައި ތިބި ފުލުހުންނަށް ހާއްސަ ކޮށްގެން ފެށި އެ ކެމްޕޭން ފައްޓަވައިދެއްވީ، ގަލޮޅު ޕޮލިސް ސްޓޭޝަނުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކަމަށެވެ. އަދި، ފުލުހުން އިތުރަށް ވިދާޅުވީ، އެ ކެމްޕޭނަކީ މާލޭ ސީޓީ ޕޮލިސް ސްޓޭޝަނުތަކުގައި، މަސައްކަތްކުރާ ފުލުހުންނަކީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް ވަރަށް ގާތުން އަޑުއަހާ ބަޔަކަށް ހެދުމަށާއި އަދި، އެޝަކުވާތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ބުނެދިނުމުގެ އިތުރުން ފުލުހުންނާއި ރައްޔިތުންނާއި މެދު ގާތް ގުޅުމެެއް އުފެއްދުމަށް ފެށި ކެމްޕޭނެއް ކަމަށެވެ.
"ވޯކް އެންޑް ޓޯކް" ކެމްޕޭނު ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ އާއި، ހެޑް އޮފް ގަލޮޅު ޕޮލިސް، އިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު އާއި، ހެޑް އޮފް މާފަންނު ޕޮލިސް، އިސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދުގެ އިތުރުން ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުންނާއި ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.
އެގޮތުން މާލޭގައި މިހާރު އޮންނަ ހަތަރު ނެއިބަރ ހުޑުން، ކޮންމެ ނެއިބަރ ހުޑެއް ދެ ޒޯނަކަށް ބަހާލުމަށްފަހު އަދި އޭގެން ކޮންމެ ނެއިބަރ ހުޑެއް ހަ ސަބް ޒޯނަށް ބަހާލުމުން ޖުމްލަ 48 ސަބް ޒޯނަށް މާލެ ބަހާލުމަށްފަހު މީގެން ކޮންމެ ސަބް ޒޯނެއްގައި ދެ ނެއިބަރ ހުޑް ސަޕޯޓު އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.