ވެލައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ވެލާ ހިފުމާއި، ވެލާގެ ވިޔަފާރި ކުރުމާކީ ޤާނޫނީ ގޮތުން އަދަބު ލިބޭނެ ކުށްތަކެވެ.

ވެލައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެއް ކަމަށް ވި ނަމަވެސް މިކަން ދަންނަނީ މަދު ބައެކެވެ. މަޖަލަކަށް ވެލާ ހިފުމާއި ވެލާ ފަޅައިގެން އޭގެ މަހާއި އެނޫންވެސް ތަކެތި ކެއުމަކީ ބައެއް ދިވެހީން ޒަމާނުއްސުރެއް ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް މިކަމަކީ ދުރު މުސްތަގުބަލުގައި މިކަމުގެ ގެއްލުން އިންތިހާއަށް އޮތް ކަމެކެވެ. ވެލާގެ އާބާދީ މަޑު މަޑުން ނެތި ގޮސް ވުޖޫދުން އެއްކޮށް ފޮހެވިގެން ދިޔުމަކީ ހަމަ ޔަގީނުންވެސް މިއަދު ހެވިފައި ވެލާ ފެޅުމަށް ފަހު އޭގެން ނަހަމަ ބޭނުންތައް ކުރާ ފަރާތްތަށްވެސް އުފާވާނެ ކަމެއް ނޫނެވެ.

ވެލާ ފެޅުމާއި ވެލާގެ މަސްކެއުން ފަދަ ކަންތައްތައް ހުށްޓުވޭނީ ފަރުދީ ޒިންމާ ނަގައިގެންނެވެ. އުފާކުރަން ޖެހޭ ކަމަކީ،މަދުން ނަމަވެސް ދިވެހީންގެ މުޖުތަމައުންވެސް މިފަދަ ނަމޫނާ މަންޒަރު ފެންނަ ކަމެވެ. އެގޮތުން  ދިވެހި ޒުވާނަކު ވެލައެއް މަރަށް ތެޅެނިކޮށް އެވެލާ ސަލާމަތްކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިއަދު ވަނީ މީސްމީޑިއާގައި ތިލަވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދަލުގައި ވަރަށް ބޮޑަށް ހައްޔަރުވެފައިވާ ވެލާ، އެ ދަލުން ސަލާމަތްކޮށްދީ މޫދަށް ވެލާ ދޫކޮށްލައެވެ. އަދި މިނިވަންކަމާއި އެކު މޫދުގެ ލޮނުގަނޑުގެ ތެރޭގައި އެ ވެލާ ދަތުރުކުރަމުން ދިޔަ މަންޒަރު ވީޑިއޯއިން ފެނިގެން ގޮސްފައިވެއެވެ.

ޖަޒީރާއަށް މައުލޫމާތު ލިބުން ގޮތުގައި ދަލެއްގައި ހައްޔަރުވެފައިވާ ވެލާ ސަލާމަތްކޮށްދިނީ ކޮޅުމަޑުލު ކަނޑޫދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އަދި އޭނާ އެ ވެލާ ސަލާމަތްކޮށްދީފައިވަނީ ކަނޑޫދޫގެ ތުނޑީ ސަހަރައްދުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެހެންކަމުން މިފަދަ ފަރާތްތަކުގެ ކިބައިން ނަމޫނާ ލިބިގަނެ ތިމާވެށި ރަށްކާތެރިކޮށްދީ ދިރުންތައް ރަށްކާތެރިކުރުމަށް އެންމެންވެސް ފަރުދީ ޒިންމާ ނަގަން އެބަޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *