ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓް ފިއުލް ވިއްކާ އަގު ހެޔޮކޮށްފި އެވެ.
އެމްއޭސީއެލުން ބުނީ އިއްޔެއިން ފެށިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް މަތިންދާބޯޓު ތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ބޯޓުތަކަށް ޖެޓް ފިއުލް ވިއްކާނީ ލިޓަރެއް 0.91113 ޑޮލަރު (14 ރުފިޔާ) އަށެވެ. އަދި ޑޮމެސްޓިކް ބޯޓުތަކަށް ޖެޓް ފިއުލް ވިއްކާނީ ލިޓަރެއް 0.92033 ޑޮލަރު (14.1 ރުފިޔާ) އަށް ކަމަށް އެމްއޭސީއެލުން ބުނެ އެވެ. ޕަސެންޓުގެ ގޮތުން ބަލާއިރު އެއީ އިންޓަނޭޝަނަލް ބޯޓުތަކަށް 6.91 ޕަސެންޓް އަދި ޑޮމެސްޓިކް ބޯޓުތަކަށް 7.50 ޕަސެންޓުގެ ކުޑަ ވުމެއް ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.
އެމްއޭސީއެލްއިން ބުނީ ޖެޓް ފިޔުލް އަގުހެޔޮ ކުރުމުން ވީއައިއޭގައި އޮޕަރޭޓުކުރާ އެއަރލައިންތަކަަށް އެކަމުގެ މަންފާކުރާނެ ކަމަށެވެ.
ޖެޕް ފިއުލް އަގުހެޔޮ ކުރި އިރު، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެތެރޭގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކި އެކި ސަބަބުތަކާއި ހުރެ އެތެރޭގެ އުދުހުންތަކުގެ އަގު ވަނީ ހެޔޮކުރެވޭގޮތް ނުވެފައެވެ.