ހިކި މީހަކު ފަލަވުމަށް ކުރާ މަސައްކަތަށް ވުރެއް ފަލަ މީހަކު ހިކިވުމަށް ކުރާ މަސައްކަތް ބުރަވެފައި އުނދަގޫ ކަމީ އެންމެންވެސް ދަންނަ ހަޤީގަތެކެވެ. އާންމުކޮށް ގިނަ މީހުން ހިކުމަށް ކޮށް އުޅޭ ކަންކަމަކީ ޖިމްތަކަށް ދިޔުމާއި ތަފާތު ކަސްރަތުތައް ކުރުމުވެ.
ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި މާގިނައިން ކަސްރަތުކުރުމަކީ ބަރުދަން ލުއިކޮށްދޭ ކަމެއް ނޫނެވެ. ބަރުދަން ލުއިވަނީ އޮންނަ މިންގަނޑުގެ ތެރެއިން ކަސްރަތުކުރުމުންނެވެ.
މިކަމާއި ގުޅިގެން އޮސްޓްރޭލިއާގެ ނިއުޓްރިނިސްޓެއްކަމަށްވާ ޖެސިކާ ސެޕެލް ބުނީ، މާގިނައިން ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުގައިވާ ސަރުބީ ވިރުވުން ހުށްޓުމަކަށް އަންނަ ކަމަށެވެ. އަދި އެއީ ގިނައިން ކަސްރަތުކުރުމުން ހަށިގަނޑުގެ ކޯޓިސޮލް ލެވެލް މަތިވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ޖެސިކާ ބުނި ގޮތުގައި ހިކެން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ އާދައިގެ (މެދު މިންވަރަކަށް) ކަސްރަތުކުރުމެވެ. އަދި ހިކެން ބޭނުންނަމަ ހަށިގަނޑަށާއި ސިކުނޑިއަށް އަރާމު ދިނުމަކީ މުހިންމު ކަމެއް ކަމަށް ޖެސިކާ ބުނެއެވެ.