ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގެ އަސްލު ފުޓޭޖު ކަމަށް ބުނެ ސަންގު ޓީވީން ވީޑިއޯ އެއް އާންމު ކޮށްފައި ވަނިކޮށް، އެއްވެސް ބަޔަކަށް އަސްލު ފުޓޭޖު ނުލިބޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ފިނިފެންމާ ލޯންޗުގެ ހާދިސާ ކަމަށް ބުނެ ދެއްކި ވީޑިއޯ އާއި ގުޅިގެން އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވީ އެ ހާދިސާގެ ރޯ ފުޓޭޖު އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށެވެ.

"އާފަތިސް" އަށް އަމަރު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޝަރީއަތަށް ހުށަހެޅުމަށް ހޯދާފައި ހުންނަ ހެކި ތަކަކީ ފުލުހުންގެ ފޮރެންސިކް ލެބްގައި ރައްކާ ކުރެވިފައިވާ ތަކެތި ކަަމަށެވެ. އަދި އެތަކެތި ފުލުހުންނަށްވެސް އަދި ރައީސް އޮފީހަކަށްވެސް ނުލިބޭނެކަމަށާއި، އެތަކެތި ލިބޭނީ ޗޭން އޮފް ކަސްޓަޑީ ފުރިހަމަކޮށްގެން، އެކަމަށް ހެދިފައި ހުންނަ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްްޗެއް ގޮވުމުގެ ސަބަބުން ދުން އެރިއިރު އެތަނުގައި އަލިފާން ހުރިކަމަށެވެ. އަދި އެކަން ދެނެގަނެވޭނީ ވީޑިއޯ ލަސްކޮށް ޕްލޭކޮށްގެން ކަމަށެވެ.

ނަމަވެސް ސަންގު ޓީވީން ވަނީ އަސްލު ފުޓޭޖް ކަމަށް ބުނާ ވީޑިއޯއާއި، އަދި އެޑިޓް ކޮށްފައި ކަމަށް ބުނާ ވީޑިއޯ ވެސް ދައްކާލައިފައެވެ. އަދި ވީޑިއޯ ލަސްކޮށްވެސް ވަނީ ދައްކައިލާފައެވެ. އަސްލު ފުޓޭޖް ކަމަށް ބުނާ ވީޑިއޯއިން އެއްވެސް ވަރަކަށް އަލިފާނުގެ އަސަރު ފެންނަން ނެތް ނަމަވެސް، އޭރުގެ ސަރުކާރުން އާންމު ކުރި ވީޑިއޯއިން ބޮޑު ގޮވުމެއްގެ މަންޒަރު ފެނިގެން ދެއެވެ. އެ ވީޑިއޯއިން އަލިފާންގަނޑެއް ފެނުނު ކަމުގައިވީ ނަމަވެސް އެއްވެސް މީހަކަށް އަލިފާނުގެ އަސަރު ކޮށްފައެއް ނުވެއެވެ.

ފިނިފެންމާ ލޯންޗުގެ ހާދިސާ އާއި ގުޅޭ ގޮތުން އެ ދުވަހު ރައީސް އަބްދުﷲ ޔާމީން އާއި އެކު ލޯންޗުކޮޅުން ދަތުރުކުރި މުއާޒު ވިދާޅުވީ އެކަން އަލުން ދިވެހި ފުލުހުން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާ ހިންގިކަމަށް ތުހުމަތު ކުރަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިކަމަކީ އަދީބު ފުރޭމް ކުރުމައްޓަކައި ރައީސް އަބްދުﷲ ޔާމީން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *