ހޮންކޮންގްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގްވާމީ މާފިއާއަކަށް ނިސްބަތްވާ ތިން ދިވެހިން އިންޑިއާގެ ޓާމިލްމާޑޫއިން ހައްޔަރުކޮށްފިއެވެ.
އެ ހަދިސާގައި އިންޑިއާގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ އަތުން 1.5 ލީޓަރުގެ ހަޝިޝް އޮއިލް ފެނިފައިވެއެވެ. އަދި އޭގެ އަގު އިންޑިއާ ރުޕީސްގެ 4.5 ކުރޯޑް ރުޕީސް ނުވަތަ (10 މިލިއަން ދިވެހި ރުފިޔާ) އަށް އަރާނެ ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.
އިންޑިއަން އެކްސްޕްރެސްއިން ބުނީ އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއްކަމަށްވާ އެންތަނީ ސާމީ އާއި ތިން ދިވެހީން ކަމަށްވާ، އުމުރުން 33 އަހަރުގެ އާޒިމް ހަބީބް އާއި 34 އަހަރުގެ މުހައްމަދު ސަފޫފް އަދި 30 އަހަރުގެ ޝިފާން އިބްރާހިމް ކަމަށެވެ.
އިންޑިއާ ފުލުހުން ބުނީ އެ ހަތަރު މީހުންވެސް ހައްޔަރުކުރީ ފުލުހުންގެ ސައިބާ ޔުނިޓުން ދިން މައުލޫމާތުގެ އަލީގައި އެމީހުންނަށް ފާރަލައިގެން ހިންގި އޮޕަރޭޝަނެއްގައި ކާރު ޕާކު ކުރާ ތަނަކުން ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ތިން ދިވެހީން އުޅުނީ ޓޫރިސްޓުން ކަމަށް ހެދިގެން އެކި ހޮޓާތަކުގައި ކަމަށެވެ. އަދި އެމީހުން ތައިލެންޑާއި އަދި ސިންގަޕޫރު މަގުން އިންޑިއާއަށް އެކި ފަހަރު މަތިން އެތެރެވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.