ނަމާދަކީ މާތް ﷲ އާއި ތިބާ ގާތް ކޮށްދޭ ދަރުމައާއި ސަވާބުން ފުރިގެންވާ އަޅުކަމެކެވެ. ބައެއް ފަހަރު ނަމާދުގައި ހުންނަ ވަގުތުގައި ބޭކާރު ހިޔާލުތައް އައިސް ތަފާތު އެކި ކަހަލަގެ ނުބައި ހިޔާލުތަށް ތިބާގެ ސިކުނޑިއަށް ވެރިވެއެވެ. ގިނަ ފަހަރަށް މިހެން ދިމާވަނީ ސައިތާނާގެ ސަބަބުންނެވެ. ނަމަވެސް އެ ސައިތާނާގެ ކިބައިން ރައްކާތެެރިވާނެ ގޮތް މާތް ނަބިއްޔާ ﷺ ވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ.
އެގޮތުން އެއް ދުވަހަކު ޢުޘްމާނު ބުނު އަބިލް ޢާޞް ނަބިއްޔާ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ”ހަމަކަށަވަރުން ޝައިޠާނާ ތިމަން ނަމާދަށް ހުންނައިރު ތިމަންނައާއި ތިމަންނަގެ ނަމާދާއި ކިޔެވުމާއި ދެމެދަށްވަދެ ތިމަންނަގެ ނަމާދު އޮޅުވަން މަސައްކަތަކުރަނީއެވެ.“
އެހެން ވިދާޅުވުމުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”ذَاكَ شَيْطَانٌ يُقَالُ لَهُ خِنْزِبٌ فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ وَاتْفِلْ عَلَى يَسَارِكَ ثَلاَثًا“ (رواه مسلم)
މާނައީ: ”އެއީ ޚިންޒިބު އޭ ކިޔޭ ޝައިޠާނާއެވެ. (އެއީ އެޝައިޠާނާ ކުރާކަމެކެވެ.) ފަހެ ތިބާއަށް އެ ޝައިޠާނާގެ އިޙްސާސްކުރެވިއްޖެނަމަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި އަޢޫޛު ކިޔާށެވެ. އަދި ތިމާގެ ވާއަތްފަރާތަށް ތިންފަހަރު ފުމެލާށެވެ.“
ޢުޘްމާނު ބުނު އަބިލް ޢާޞް ވިދާޅުވިއެވެ. "ތިމަން އެގޮތަށް ކަންތައް ކުރީމެވެ. ދެން މާތްﷲ ތިމަންނަގެ ކިބައިން އެކަން ދުރުކުރެއްވިއެވެ."