ވިހައެއްކަން އެނގިހުރެ އެއްވެސް މީހަކު އެ ވިހައިގައި އަތްލާކަށް ބޭނުމެއް ނުވާނެއެވެ. އަދި ވިހަ ވުމަކަށްވެސް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކުހެންމެ ދިވެހީންގެ އެތައް ބަޔަކު އަތްލާ އަދި އޭގެ ވަސް ބަލާ ވިހައެއް އެބައޮތެވެ. ދައްކަން މިއުޅެނީ މިހާރުވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ގޭގޭގައި ހައްދާފައި ހުންނަ އަދި ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އެމަލަކަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކަނީރު މަލުގެ ވާހަކައެވެ.
ދުނިޔޭގެ އެންމެ ވިހަ ގަދަ 10 ގަހުގެ ތެރޭގައި ކަނީރު ގަސް ހިމެނޭއިރު އެ ގަހުގެ ވިހަ ހުންނަނީ ހަމަ އެކަނި މަލަކު ނޫނެވެ. ސައިންސްވެރީން ވިދާޅުވާ ގޮތުގައި މުޅި ކަނީރު ގަހަކީވެސް އޭގެ ޒާތުގައި ވިހައެކެވެ.
ކަނީރު ގަހާއި، އެގަހުގެ މަލުން ލިބިދާނެ ގެއްލުމަކަށް ފަރުވާލެއް ނެތި، ގޭގޭގެ ގޯތި ތެރެއިން ފެށިގެން އޮފީސްތަކުގެ ގޯތި ތެރޭގައި މި ގަސް ހައްދާފައި ހުންނަނީ މަދެއްކޮށް ނޫނެވެ. ދިވެހީން އާންމުގޮތެއްގައި މި ގަސް ހައްދަނީ އެގަހުގެ މަލުގެ ބޭނުމުގައި ކަމަށް ތާރީހީ ފަތްފުށްތައް ހެކިދެއެވެ.
ކަނީރު މަލަކީ އެމަލުގެ ވިހައިގެ ސަބަބުން މީހާގެ ފުރާނައަށްވެސް ނުރައްކާކުރާ މަލެކެވެ. އެގޮތުން އެ މަލުން ވަސް ބެލުމުން ހިތުގެ އެކި ބަލިތައް ޖެހުމަށް މަގުފަހިވުމާއި ހޭނެތިގެން ވެއްޓުމާއި ސިކުނޑިއަށް އެކި ވަރުގެ ގެެއްލުން ލިބޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ކަނީރު މަލުގެ ވަހަކީ މީހާ މަސްތުކޮށް މޮޔަކޮށްލާ ވަހެއްކަމުގައިވެސް ސައިސްވެރީން އިއްތިފާގުވެއެވެ.
އެހެންކަމުން ކަރީނު މަލުގެ އަވައިގައި ހައްޔަރުވުމުގެ ކުރިން މި މަލުން ލިބިދާނެ ގެއްލުމަކަށް ވިސްނާލުން ބުއްދިވެރިއެވެ.