ރާއްޖެއަކީ ޤަދީމީ ތަންތަން ގިނަ ގައުމެކެވެ. ހާއްސަކޮށް ހައްދުންމައްޗަކީ މިފަދަ ޤަދީމީ ތަންތަން ވަރަށް ގިނަ އަތޮޅެކެވެ. އެގޮތުން ހައްދުންމަތީ އިސްދޫގައި އޮންނަ "ބޭސްކިޅި" އަކީ މިގޮތުން ފާހަގަ ކޮއްލެވޭ އެއް ތަނެވެ.
ތާރީޙު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެ ކިޅިއަށް "ބޭސްކިޅި" ކިޔުނީ އެކިޅިން ތަފާތު ބަލިތަކަށް ފަރުވާ ކުރެވޭ ބޭސް ނެގޭތީއެވެ.
ބަލާބެލުމަށް ޗަކަ ބިމެއް ފެނުނަސް މި ކިޅިއަކީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މީހުން ޒިޔާރަތްކޮއްފައިވާ ކިޅިއެއްކަން ތާރީހުގެ ފަތްފުށްތަކުން ހާމަވެއެވެ. އެގޮތުން ރާއްޖޭގެ ރަސްކަންކުރެއްވި ބައެއް ބޭފުޅުންނާއި ޞާހީ ބޭފުޅުންވެސް އެ ކިޅިއަށް ޒިޔާރަތްކޮށް އެ ކިޅިން ފަރުވާ ހޯދިކަމަށް އިސްދޫގެ ދުވަސްވީ މީހުން ބުނެއެވެ.
މިކިޅީން ބޭސް ހޯދާ ގޮތަށް ބަލާއިރު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ވަޅުގަނޑެއް ކޮނުމެވެ. ފެންތިލަ މި ކިޅީގައި އެއް ފޫޓު ނުވަތަ ދެ ފޫޓަށް ކުޑަ ވަޅުގަނޑެއް ކޮނުމަށް ފަހު ދަނޑިބުރިއެއް އެ ވަޅުގަނޑަށް ކޮއްޕާނީއެވެ. ބޭސް އާންމު ގޮތެއްގައި ހުންނަނީ ވަޅުގަނޑުގެ އަރިމަތީގައި ކަމުން ދަނޑިބުރި ވަޅަށް ކޮށްޕާލުމުން ވަރަށް ފަސޭހައިން ދަނޑީގެ ކޮޅަށް ބޭސް އަރައެވެ. ބޭސް އާންމުގޮތެއްގައި ހުންނަނީ ރަތް ކުލައެއްގައެވެ.
"ބޭސްކިޅިން" ބޭސް ނަގާ ގައިގައި އުނގުޅުމުން ބައެއް ކަހަލަގެ ބަލިތައް ފަސޭހަވެފައި އެބަހުށްޓެވެ. ހާއްސަ ގޮތެއްގައި ހަމުގެ ބޮޑެތި ބަލިތައް އެކިޅީގެ ބޭހުން ފަސޭހަވެފައިވާ ކަމަށްވެއެވެ. އެ ކިޅީގެ އެންމެ އަޖައިބު ކުރަނިވި ކަމަކީ މިބޭސް ހަށިގަނޑުގައި އުނގުޅަން ޖެހެނީ އެކިޅީގައި ހުރެގެން ކަމެވެ. އެހެން ނޫންނަމަ އެބޭހުގެ އެއްވެސް ފައިދާއެއް ނުކުރެއެވެ. "ބޭސްކިޅިން" އާންމުގޮތެއްގައި ބޭސް ފެންނަނީ ހޫނު ގަދަ ދުވަސްވަރުގައެވެ.
އިސްދޫގައިވާ މިކިޅިއަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވަރަކަށް ހިމާޔަތް ކުރެވިފައިވާ ކިޅިއެއް ނޫނެވެ. މޫދާއި ކައިރީގައި ވާ މިކިޅިއަކީ ހިމާޔަތް ނުކޮށްފި ނަމަ ނެތިގެން ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކިޅިއެކެވެ. އެހެންކަމުން މިފަދަ ޤަދީމީ ކިޅިއެއް ފަރުވާލެއް ނެތި ދޫކޮށްލުން އެއީ ހަމަ ޔަޤީނުންވެސް ފަހުން އެކަމުގެ ހިތާމަ ދިވެހީން ކުރާނެ ކަމެއްކަން ކަށަވަރެވެ.