ފިނިފެންމާ ގައި އެއްޗެއް ގޮވާ ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިއޯ މިރޭ "ސަންގު ޓީވީ" އިން އާންމުކޮށްފިއެވެ. މިރޭ 21:00 ގައި ގެނެސްދިން ޙާއްސަ ކަވަރޭޖްގައި ސަންގުޓީވީން ވަނީ މިވީޑިއޯ އާންމުކޮށްފައެވެ.
ސަންގުޓީވީން ހާމަ ކުރިގޮތުގައި މިވީޑިއޯ ނަގާފައިވަނީ ހަމައެކަނި ރައީސް އޮފީހުން ކަމަށާއި ރާއްޖޭގެ އެހެން އެެއްވެސް މީޑިއާއެއްގެ ކެމެރާގެ ލެންސަށް މި ވީޑިއޯ ރިކޯޑު ކުރެވިފައި ނުވާކަމަށެވެ.
ސަންގުޓީވީ އިން އާންމު ކުރިި ރޯ ފޫޓޭޖްގައި ކުރިން މި މައްސަލާގައި ރައީސް އޮފީހުން ހާމަކުރި ވީޑިއޯއާއި ޚިލާފަށް އޮރެންޖު އަލިފާންގަނޑެއް ނުފެނެއެވެ. ނަމަވެސް މި ފޫޓޭޖުގައިވެސް ދުން އަރަމުންދާ މަންޒަރުފެނެއެވެ. އެވަރުގެ އޮރެންޖު ކުލައިގެ އަލިފާން ގަނޑެއް ފެނުނު އިރު އެތެރެއަށާއި މީހުންނަށް އަސަރު ކޮށްފައިނުވާ ކަމަށްވެސް ސަންގުޓީވީއިން ހާމަކުރިއެވެ.
މި ވީޑިއޯ ސަންގު ޓީވީގައި އެނަލައިސް ކުރަމުން ގެންދެވި އިބްރާހިމް ވަޙީދު(އަސްވާޑު) އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިވަރުގެ ގޮވުމެއް ގޮވި އިރުގައި ލޯންޗުކޮޅަށް ލިބިފައިވާ ގެއްލުން ނޫސްވެރިންނަށް އޭރުގައި ނުދައްކާ ކަމަށް ފާހަގަ ކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ އޭރުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައި ވަނީ އެދުވަހު އަލިފާން ނުފެންނަ ކަމަށާއި އަލިފާން އެ ވީޑިއޯއިން ފެނުމުން ހައިރާން ވާކަމަށެވެ. އަދި އޭނާ އެންމެ ފުރަތަމަ އަލިފާން ފެނިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.
މުއާޒުގެ ވާހަކަފުޅަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ އޭނާ މުއާޒު އާއި ހަވާލު ކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރިކޯޑު ކުރެވިފައިވާ ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯ އަކީ ރައީސް އަބްދުﷲ ޔާމީން އޭރުގައި އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯ އެއް ކަމަށެވެ.