ދުނިޔެއަކީ އިމްތިހާނެއް ފަދަ ތަނެކެވެ. މި ވަގުތީ އާލަމުގައި އެއްވެސް މީހަކަށް އުފަލާއި މަޖަލުގައި އަބަދު އުޅުމުގެ ނަސީބެއް ނުލިބޭނެއެވެ. މިއަދު އުފާކޮށްފިނަމަ މާދަމާ ކަރުނަ އަޅައި ރޯންވެސް ޖެހިދާނެއެވެ. އަހަރެންމެންގެ ދިރިއުޅުން އިމްތިހާނަކަށް ވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެެވެ. އެއީ ދުނިޔޭގެ އުސޫލުވެސް މެއެވެ. މިދުނިޔޭގައި، ހޭދަކުރާ ކޮންމެ ދުވަހެއްވެސް ވެގެންދަނީ އަހަރެމެންނަށް އާ ކަންތައްތަކެއް ދަސްވެގެންދާ ދުވަހަކަށެވެ. މީހަކު އުޅޭހާ ގޮތެއް ބަލައިގެން ވެސް މިދުނިޔެ އަކު ނޫޅެވޭނެއެވެ. ތިބާ މަސައްކަތް ކުރަންވީ ތިބާ މިދުނިޔެއަށް ފޮނުވުނު މަގުސަދު ހާސިލުކުރުމަށެވެ.

ދުނިޔޭގައި ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރާއިރު އެކި ކަހަލަ ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެކި ކަހަލަ ތަޖުރިބާތައް ކުރެވޭނެއެވެ. މިދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގާނީ ތިބާ ބޭނުންވާ ގޮތަކަށް ނޫނެވެ. ތިބާ މިދުނިޔޭގައި ހާސިލު ކުރަން ބޭނުންވާ ހުރިހާ އެއްޗެއް ހާސިލެއް ނުކުރެވޭނެއެވެ. ހަޔާތުގައި ދިމާވާ ކުޑަކުޑަ ކަމެއްގެ ސަބަބުން މުޅި ދިރިއުޅުމާއި ދޭތެރޭ މާޔޫސް ނުވާށެވެ. މިއީ ވަގުތީ އާލަމެއް ކަމަށް ދެކިގެން ސުވަރުގެ ވަންތަވެރިއަކަށް ވެވޭތޯ ގަދަ އަޅައި މަސައްކަތް ކުރާށެެވެ. މި ވަގުތީ ދުނިޔެ އަކީ ހުރިހާ ވެސް އެއްޗަކަށް ނުހަދާށެވެ. ތިބާ ހިތްދަތިވާ ނުވަތަ ހިތުގައި ޖެހޭ ކަންކަން ދިމާވާ ނަމަ ތިބާގެ އިމާންތެރިކަން އިތުރު ކުރާށެވެ. ސައިތާނާއަށް އެކަހަލަ ވަގުތު ތަކުގައި ތިބާގެ ސިކުނޑި އާއި ވިސްނުމުގެ މައްޗަށް ވެރިވެގަތުމުގެ ފުރުސަތު ނުދޭށެވެ.

ދިރިއުޅުމުގައި ތިބާ ދެރަވާފަދަ ނުވަތަ ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ވެއްޖެ ނަމަވެސް މާތް ﷲ ގެ ހަޟްރަތުގައި އެކަމެއް ދަންނަވަން އާދަކުރާށެވެ. އެކަލާނގެ އަކީ އެންމެ އޯގާވެރިވަންތަ އިލާހެވެ. މާޔޫސްވެ ދިރިހުރުމުގެ ބޭނުމެއް ނެތޭ ހިތަށް އަރައި ވަގުތު ތަކުގައި ވެސް މާތް ﷲ ހަޟްރަތުގައި، ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާށެވެ. ބަރާބަރަށް ނަމާދުކޮށް ސުންނަތް ނަމާދު ކުރުން އިތުރު ކުރާށެވެ. ދިމާވާ ކުޑަ ކުޑަ ހާދިސާއެއްގެ ސަބަބުން ދިރިއުޅުމުން އުންމީދު ކަނޑާނުލާށެވެ. ދުނިޔޭގައި އުޅޭ އިރު ވެއްޓޭ އަޑި ގަނޑުތަކުން ހިތްވަރާއި އެކު ކެރިގެން އަރަން ދަސްކުރާށެެވެ. 

ތިބާ ދިރިއުޅުމާއި ދޭތެރޭ މާޔޫސް ވާ ވަގުތު ތަކުގައި އަމިއްލައަށް ވިސްނާލާށެވެ. މިދުނިޔޭގައި އަހަރެމެންނަށް ވުރެ ހާލުގައި ދިރިއުޅޭ މީހުންވެސް އެބަ އުޅެއެވެ. ކާނެ އެއްޗެއް ނެތިގެން ބަނޑަށް އެތައް ބަޔަކު މަރުވެފައި އެބަ ތިއްބެވެ. އަހަރެމެން ހީވެސް ނުކުރާ ކަހަލަ ހާލުގައި ދިރިއުޅޭ މީހުން އެބަ ތިއްބެވެ. މިދުނިޔޭގެ އުފާތައް ހާސިލުކުރަން ހޭބޯނާރައި ދުވާ ނަމަ އަބަދުވެސް ތިބާ ކުރިމަތި ލާން ޖެހޭނީ މާޔޫސް ކަމާއި ހިތާމަ އެވެ. އަބަދުވެސް ހަނދާން ކުރަންވީ މި ނޫން ދުވަހެއް ވާކަމެވެ. ކޮންމެ ހާލަތެއްގައި ވެސް ތިބާގެ އިމާންތެރިކަން ވަރުގަދަކޮށް ބެހެއްޓުމަށް މަަސައްކަތް ކުރާށެވެ. ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި ކެރިގެން ކުރިމަތި ލާން ދަސްކުރާށެވެ. ދިރިއުޅުމާއި ދޭތެރޭ މާޔޫސް ނުވާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *