ނޫކަށި ޅަނދޮޅު ޒުވާން ފިރިހެނަކު ގެސްޓް ހައުސް އަކަށް ވަދެ އެތަނުގެ އިސްވެރިޔާއާއި ބައްދަލު ކުރަން ބޭނުންވިއެވެ.
ވެރިޔާ އައުމާއިއެކު ވާހަކަ ފެށިއްޖެއެވެ.
ޒުވާނާ- 39 ވަނަ ރޫމް ހުރީ ހުސްކޮށްތަ؟
ވެރިޔާ- ލައްބަ އެރޫމު ހުރީ ހުސްކޮށް.
ޒުވާނާ- އެރޫމް ލިބިދާނެތަ؟
ވެރިޔާ- ޔަގީނެއްނު. ހިނިތުންވުމާއިއެކު ވެރިޔާ ޖަވާބުދިނެވެ.
ޒުވާނާ- ވަރަށް ބޮޑަށް ޝުކުރިއްޔާ. ހިނިތުންވެލަމުން ޒުވަނާ ބުނެލިއެވެ.
ޒުވާނާ ރޫމަށް ދިޔުމުގެ ކުރިން ވެރިޔާގާތު ކަޅު ވަޅިޔަކާ 39 ސެންޓިމީޓަރުގެ ހުދު ބަރަނި ކޮޅަކާއި، 73 ގުރާމުގެ އޮރެންޖެއް ހޯދައި ދިނުމަށް އެދުނެވެ. ޒުވާނާގެ އެދުނުކަންތަކަށް އާބަސް ބުނީ ހައިރާންވެ ހުރެއެވެ. ޒުވާނާ ރޫމަށް ވަނީ އިތުރު އެއްވެސް ހިދުމަތެއް ބޭނުން ނުވާހާލުގައެވެ. ކަންދިމާވީ ގޮތުން 39 ވަނަ ރޫމަކީ ވެރިޔާގެ ރޫމާއި ޖެހިގެން ހުރި ރޫމުވެސް މެއެވެ. އެރޭގެ ދަންވަރެވެ. ޒުވާނާގެ ރޫމްއިން ތަފާތު އަޑުތަކެއް އިވެން ފެށިއެވެ.
ނުރައްކާތެރި ޖަނަވާރުގެ އަޑުތަކާއި ކާތަށިތައް ބިންމައްޗަށް ވެއްޓުމުން އިވޭފަދަ އަޑުތަކެވެ. ވެރިޔާއަށް އެކަމުގެ ސަބަބުން ނިދޭގޮތެއް ނުވިއެވެ. އެއިވުނު އަޑުތަކާއިމެދު ވިސްނާ ފިކުރު ކުރުމުގައި މުޅިރޭ ވޭތުވީއެވެ. އިރުއަރާ ދިޔަފަހުން ޒުވާނާ ރޫމުން ނިކުމެ ވެރިޔާ ގާތު ރޫމު ފާސްކުރުމަށް އެދުނެވެ. ވެރިޔާ ރޫމް ބަލާ ފާސްކުރިއެވެ. ތަފާތު އެއްވެސް ކަމެއް އެ ރޫމަކުން ފެންނާކަށް ނެތެވެ. ޒުވާނާ ބުނެގެން ހޯދަދިން ބަރަނިކޮޅާ ކަޅު ވަޅި އަދި އޮރެންޖު މޭޒުމަތީގައި އޮތެވެ.
ޒުވާނާ ލާރި ދެއްކުމަށްފަހު ނިކުމެގެން ދިޔައީ ހަދިޔާއެއްގެ ގޮތުގައި ރަނގަޅު އަދަދަކަށް ފައިސާ ދިނުމާއިއެކު ހިނިތުން ވެލަމުންނެވެ. ވެރިޔާ ހުރީ ނޭނގުމެއްގެ ތެރޭގައި ވަރަށް ބޮޑަށް ހައިރާން ވެފައެވެ.
އޭގެ އަހަރެއްފަހެވެ. އެއްކަލަ ޒުވާނާ ގެސްޓް ހައުސް އަތުވެއްޖެއެވެ. ކުރިއެކޭ އެއްގޮތަށް ވެރިޔާއާއި ބައްދަލު ކުރިއެވެ. ކަޅު ވަޅިޔަކާ 39 ސެންޓިމީޓަރުގެ ހުދު ބަރަނި ކޮޅަކާއި، 73 ގުރާމުގެ އޮރެންޖެއް ހޯދައި ދިނުމަށްވެސް އެދުނެވެ. މިފަހަރުވެސް 39 ވަނަ ރޫމެވެ. ވެރިޔާއަށް އިތުރު ހައިރާން ކަމެއް ގެނުވިއެވެ. މިފަހަރު ވެރިޔާ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް މިވާ ގޮތެއް ބަލަން ބޭނުންވިއެވެ. ކަމެއްވޭތޯ ނުނިދާ ވެރިޔާ އޮތެވެ.
މެންދަން ވުމާއިއެކު ކުރީ ފަހަރު އިވުނު އަޑުތައް އިހަށްވުރެ ބާރަށް އިވޭން ފަށައިފިއެވެ. އިރުއެރުމާއިއެކު ޒުވާނާ ނިކުމެގެން ދިޔައީ ކުރީ އަހަރެކޭ އެއްގޮތަށް އަމަލުކޮށް ހަމަ އެގޮތުގައި ހިނިތުންވެލަމުންނެވެ. ވެރިޔާ ވިސްނަންފެށީ އެވަޅިއާ، ބަރަނިކޮޅާ އަދި އޮރެންޖުގެ މަގުސަދަކީ ކޮބައިތޯއެވެ. އެއިން އެއްވެސް ކަމަކަށް ވިސްނާލުމަކަށް ވެރިޔާއަކަށް ކުޅަދާނަ ކަމެއް ނުލިބުނެވެ. އެޒުވަނާ އާއި ފުރަތަމަ ގެސްޓް ހައުސް އިން ބައްދަލުވީ މާރޗު މަހުގެ އެއްވަނަ ދުވަހުގައެވެ. ދެވަނަ ފަހަރު އޭގެ އެއްއަހަރު ފަހުން ހަމަ މާރޗު މަހުގަ އެއްވަނަ ދުވަހުގައެވެ. ހިނގައި ދިޔައީ އެއް ކަންތައްތަކެކެވެ. ބަދަލުވެދިޔައީ އިވުނު އަޑުގެ ބާރުމިނެވެ.
މިކަންތައް ތިންވަނަ ފަހަރަށް ވެސް ހިނގައި ގޮސްފިއެވެ. ހަމަ އޭގެ އަހަރެއް ފަހުން މާރޗް މަހުގެ އެއްވަނަ ދުވަހުގައެވެ. ހަމަ އެއް ރޫމެކެވެ. ހޯދަން އެދުނީވެސް ކުރިން ދެ އަހަރު ގަވެސް އެދުނު ތަކެއްޗެވެ. މިފަހަރު ޒުވާނާ ނިކުމެގެން ދިޔުމުގެ ކުރިން ވެރިޔާ އިހްތިރާމައި އެކު މާފަށް އެދެމުން ތިން އަހަރު ކަންހިނގައި ދިޔަ ގޮތާއި މެދު ސުވާލު ކުރިއެވެ. އިވުނު އަޑުތަކާއި މެދު ސުވާލުކުރީ ޖެހިލުންވެ ހުރެއެވެ.
ޒުވާނާ އެދުނީ އެކަންތައް ކިޔައިދީފި ނަމަވެސް އެކަން އަބަދަށް ސިއްރުކޮށްދިނުމަށެވެ. ވެރިޔާ އެކަންތައް ސިއްރުކުރަން ހުވާ ކުރުމުން ޒުވާނާ އެކަންތައް ވެރިޔާއަށް ކިޔައިދިނެވެ. ކަންވީގޮތުން ވެރިޔާއަކީ ވަރަށް ތެދުވެރި އިހްލާސްތެރިއެކެވެ. މިހައިތަނަށް އަދިވެސް ޒުވަނާގެ ސިއްރު އޮތީ ސިއްރެއްގެ ގޮތުގައެވެ. އަހަރެންނަށް އެސިއްރު އެނގުނު ދުވަހަކުން އެކަން ހިނގައި ދިޔަ ގޮތް ތިޔަ އެންމެ ބޭފުޅުންނައި ހިއްސާކޮށް ކޮށްދޭނަމެވެ.