ފަނޑިޔާރުގެތަށް ސާފު ކޮށް ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި އެމްޑީޕީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސް ކޮންފަރެންސްގައި، ރާއްޖޭގެ ކޯޓުތަކުގެ ޙާލަތު ގޯސްވެފައިވާ މިންވަރު އިތުރަށް ހާމަކުރައްވަމުން ދެއްވި މަޢުލޫމާތާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެ ކޮމިޝަނުން ހާމަކުރެއްވި މަޢުލޫމާތުގެ ތެރޭގައި، ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފޯރާފައިވާކަމާއި، ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓަށް އައްޔަނުކޮށްފައި ތިބިކަމަށް ހާމަކޮށްފައިވެއެވެ. އަދި ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅިގެން މަރުގެ ބައެއް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުކުރުމުގެ ޢަމަލުތައް ހިންގާފައިވާކަމާއި، ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ނުކުރުމާއި، ހައްޔަރު ކުރަން ނުޖެހޭ މީހުން ހައްޔަރުކުރުން ފަދަ ޢަމަލުތައް ވެސް ހިންގާފައިވާކަމަށް ހާމަކޮށްފައިވެއެވެ. އަދި ފަނޑިޔާރުންގެ ސިކިޔުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މިފަދަ ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެމް.ޑީ.ޕީ. އިން ދެކޭ ކަމށެވެ. އަދި މިއީ، ރާއްޖޭގެ ކޯޓުތަކުގެ ނާއިންސާފުކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެ އިއްތިފާޤުވަމުންދާއިރު، އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މަޢުލޫމާތެއް ކަމަށެވެ.

އެމްޑީޕީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތައް ދިފާޢުކޮށް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ބާރުވެރިކަން ނަގަހައްޓައި، ރާއްޖޭގެ ޑިމޮކްރެސީއާއި ހަމަޖެހުން ޤާއިމުކުރެވެން އޮތީ، ދިވެހި ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން ތަކުރާރުކޮށް ގޮވާލަމުން ގެންދާ ކަންކަން އިސްލާޙްކޮށް، ކޯޓުތަކާއި ޝަރުޢީ ނިޒާމު މިފަދަ ނުރައްކާ ކަންތައްތަކުން ސަލާމަތްކޮށް، މިނިވަންކޮށްގެން ކަމަށާއި، ފަނޑިޔާރުގެ ސާފުކޮށް، އިސްލާޙުކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަންދީ، އެ މަސައްކަތުގައި އެ ޕާޓީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދޭކަމުގައެވެ

ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތައް އިއްޔެ އާންމުކޮށްފައިވާއިރު، އަންނަ އަހަރު މެދު ތެރޭގައި ބޭރުގެ ފަރާތްތަކުގެ އެހީއާއި އެކު އެ މައްސަލަތައް ތަހުގީގުކޮށް ނިންމާނެ ކަމަށް އެ ކޮމިޝަނުން އިއްޔެ ވަނީ ބުނެފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *