ކީރިތި ވަންތަ ﷲ ސުބްހާނަހޫ ވަތައާލާ އަހަރުމެން އިންސާނުނަށް ދެއްވި އެންމެ އަގުހުރި އެއް ނިޔުމަތަކީ ދަރިންނެވެ. އެއީ އަހަރުމެންނާ ހަވާލު ކުރެވޭ އަގުހުރި އަމާނާތެކެވެ. ދަރިން އެންމެ ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ކޮންމެ ދެމަފިރިއަކު އަތުކުރި އޮޅާލަނީ އުފަލާއެކުގައެވެ. އެ މަސައްކަތުގެ ބުރަކަން ދުލަކުން ގަލަމަކުން ބަޔާން ކޮއްދިނުމަކުން އިހުސާސެއް ނުކުރެވޭނެއެވެ.

އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީ އެކުދިންނަށް އުގަންނައި ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެވިގެންދާ ދުވަހެކެވެ. ބޮޑު ފަތިހާ ތެދުވެ ދަރިން ތައްޔާރު ކުރުވާ ސުކޫލަށް ގެންދަން ޖެހެއެވެ. ރަތްދަކަ އަވީ ތެރޭ އެކުދިންނަށްޓަކައި އެތައް ހިނގުމެއް ހިނގަން ޖެހެއެވެ. ސުކޫލުން ގެއަށް ގެނެސް ފިލާވަޅު ދަސްކޮށް ދިނުމާ ގުރުއާން ކިލާހަށް ގެންދިޔުމާ ޓިޔުޝަން ކިލާހަށް ގެންގޮސް ހަދަނީ ވަރުބަލި ނުވާތީކީ ނޫނެވެ. މުޅި ދުވަސް އެކުދިންނަށް އުގަންނައި ދިނުމުގައި ހޭދަކޮށްލެވެނީ އަމިއްލަ އެއްވެސް އެދުމެއް ނެތިއެވެ.

އެކުދިންގެ މުސްތަގުބަލަށްޓަކައި ކޮންމެ މަޔަކުވެސް އެބުރަ މަސައްކަތްތައް ކޮންމެ ދުވަހަކު ފޫހި ކަމެއްނެތި ކޮށް ނިންމާލަނީ އެކުދިން ދެކެވާ މަތިވެރި ލޯބިންނެވެ. އެހެންނަމަވެސް ފެންނަ ހަގިގީ މަންޒަރު މުޅިން ތަފާތެވެ. ކޮންމެ ގެއަކަށް ވަދެލިޔަސް ފެންނަމުންދަނީ އެއްމަންޒަރެކެވެ. ހުރިހާ ސުކޫލު ތަކަކުންވެސް ދުއާ ތަކާ ނަމާދާއި ގުރުއާނަށް ހާއްސަ ސަމާލުކަމެއް ދީފައި އޮންނަތަން ފެނެއެވެ. އެދުވަހަކު ދަސްކުރަން ދިން ދުއާއެއް ނޫނީ ސޫރަތެއް އެބުނި ދުވަހަކަށް ކޮންމެ ހާލެއްގައިވެސް ދަރިފުޅަށް ދަސްކޮށްދެއެވެ. އެއީ އެކަން ކުރަންވެސް ޖެހޭނެ ގޮތެވެ. އެހެންނަމަވެސް އެ ދުއާތަކާ ނަމާދުގައި ކިޔާ ތަކެތި ދަސްކޮށްދިނުމުގެ ހަގީގީ މަގުސަދު ހަދާން ހުރީ ތިޔާގެ ތެރެއިން ކިތައް މައިން ހެއްޔެވެ.

ދަރިފުޅަށް ފާހަނައަށް ވަދެ ނިކުމެ އުޅޭއިރު ކިޔާ ދުއާ ދަސްކޮށްދެނީ ހަމަ އެކަނި އެދުރުބެއަށް އަޑު އިއްވާލާށެވެ. ފާހަނައަށް އެކުދިން ވަންނަ އިރު އަދި ނިކުންނައިރު އެ ދުއާ ކިޔަން ފަރިތަވެފައި ވަނީ ކިތައް ކުދިނަށް ހެއްޔެވެ. ކާން ފަށާ އިރު ބިސްމި ކިޔަން ޖެހޭކަން ނޭނގޭ ކުޑަ ކުއްޖެއް ނެތެވެ. އެހެންނަމަވެސް ކާންފެށުމުގެ ކުރިން ބިސްމިކިޔުމާއި، ފާހާނަައަށް ވަދެ ނިކުމެ ހަދައިރު ކިޔަން ޖެހޭ ދުއާތަށް ކިޔަން ދަރިފުޅު ފަރިތަ ކުރުވިންހެއްޔެވެ.

ރަނގަޅު ކަމެއް ވުމުން ﷲ އަށް ހަމްދުކުރަން ޖެހޭ ކަން ޓީޗަރުންނަށް ބުނެދެވުނީމާ މަަންމަ ތިހުރީ ހިތްހަމަ ޖެހިފައެވެ. ދަރިފުޅަށް ނަމާދު އެއްޗެހި ދަސް ވެގެން "ދަސްވެފައި" "ވަރަށް މޮޅުކުއްޖެއް" ފޮތުގައި ޓީޗަރ ޖަހާފައި އިނުމުން ދަރިފުޅާ ލޯބި ކޮށްލައި ކުޅޭ އެއްޗެއް ތިޔަ ގަނެދެނީ އެދަރިފުޅަށް ނަމާދުގެ  ހަގީގީ މަގުސަދު އުގަންނައި ދީފައި ހެއްޔެވެ. ފަތިސް ނަމާދަށް 7 އަހަރުގެ ދަރިފުޅު ނަގާ ދަސްކޮށްދިން ނަމާދު އެއްޗެހީގެ ހަގީގީ ފައިދާ އެކުދިންނަށް ލިބޭނެ ގޮތް ހަދައިދިނީ ތިޔާގެ ތެރެއިން ކިތައް މައިންބަފައިން ހެއްޔެވެ.

ދީނުގައި ކުރަން އަންގަވަފައިވާ ކަންކަމާއި ކުރުން ނަހީ ކުރައްވަފައިވާ ކަންކަމަކީ އެދުރުންދޭ ޓެސްޓު ޕޭޕަރުން ފާސްވުމަށް ހަމައެކަނި ކުރަން ޖެހޭނެ ކަމެއް ނޫނެވެ. މިފަދަ ހުރިހާ ރަނގަޅު ކަންކަމަކީ ދަރިންގެ މުސްތަގުބަލަށް އަލިކޮށް ކޮށާ ދެވޭ ފަހި ރާސްތާއަކަށް ހެދުމަކީ މައިން ބަފައިންގެ މައްސޫލިއްޔަތެއް ކަމުގައި ދެކެން ޖެހެއެވެ.

ވިސްނާލާށެވެ. ކޮންމެ ކުއްޖަކީ އަދި މީހަކީވެސް ނިމިދާނެ ފުރާނައެކެވެ. ސުވާލު ވެވޭނެ އިންސާނެކެވެ. ދަރިންނަށް ތިޔަދޭ ތަރުބިއްޔަތުން އެކުދިންނަށް ސުވަރުގެ ވާސިލު ވެވޭނެ ގޮތަކަށް މަސައްކަތް ކޮށްދޭށެވެ. ﷲ ސުބްހާނަހޫ ވަތައާލާ ތިޔަބައި މީހުންނާއި އެކުދިން ހަވާލު ކުރެއްވީ އާހިރަތަށް ތައްޔާރު ކޮށްދިނުމަށް ޓަކައެވެ. އުނގެނުމާ ތަރުބިއްޔަތުގެ ހަގީގީ މަގުސަދު އޮޅުވާލުމުން މުޅި ދުވަހު ތިޔަ ވެވޭ ގުރުބާނީގެ އެއްވެސް އަގެއްނެތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *