ބޭސްވެރިކަން ކުރަން ވާނީ އުނގެނި، ދަސްކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާ ބެހޭ މަހާސިންތާ އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދިވެހި ބޭސްވެރިކަން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ދިވެހި ބޭސްވެރިކަން ވެސް ސިއްހީ ނިޒާމުގެ ތެރެއިން ތަރުތީބުވާން ޖެހޭ ކަމަށެވެ. އެގޮތުން އޯލްޓަނޭޓިވް މެޑިސިންގެ ހިދުމަތް ލިބިގަންނަނީ ކޮން ބައެއް ކަމާއި އެފަދަ ފަރުވާތަކުން ނުކުންނަނީ ކޮން ނަތީޖާއެއް ކަން ވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.
ދިރިއުޅުމުގެ ކަންކަމާއި ގުޅުން ހުރި ބަލިތައް ރާއްޖޭގައި ގިނަވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ބަލިތައް އިތުރުވާ ސަބަބު ދެނެގަތުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި، ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކެންސަރު ފަދަ ބަލިތައް ރާއްޖޭގައި ފަހަކަށް އައިސް ދަނީ އިތުރުވަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމަށް އެފަދަ ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ނަަމަ، ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމައެއް ބިނާކުރެވިދާނެ. އޮލްޓަނޭޓިވް މެޑިސިންގެ ދާއިރާ ފުޅާކުރަން ޖެހެނީ މިފަދަ ބަލިތައް ޖެހުމުގެ ކުރިން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ދިވެހި ބޭސްވެރިން މަދު ނޫންކަމަށާއި، ހަކީމީ ބޭސްވެރިންގެ ގޮތުގައި ފަސް ބޭފުޅުން، އޯލްޓަނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅުން އަދި ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅުން ރަޖިސްޓްރީވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ސިއްހީ ދުޅަހެޔޮކަން ހާސިލުވެގެން ނޫނީ އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.