ދިރުން ގެއްލި، ވީރާނާވެފައިވާތީ ބައެއް ރަޅާ އަޅާ ސަރަަހައްދުތަކާއި، ޑައިވް ޕޮއިންޓްތަށް ބަންދު ކުރުމަށް ރައީސް ސޯލިޙް ނިންމަވައިފިއެވެ. އެމަނިކުފާނު އެހެން ނިންމެވީ، ބައެއް ސަރަހައްދުތަކުގެ ފަތުރުވެރިކަން ކުރިއަރައި ދިޔައިރު،ފަރުތަކާއި ވެށި މާބޮޑަށް ބޭނުންކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެ، ދިރުން ގެއްލި، ވީރާނާވެފައިވާތީކަމަށެވެ.
ގެސްޓްހައުުސް މަހާސިންތާ ނިންމުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބައެއް ސާފިން ޕޮއިންޓްތަކާއި ޑައިވްކުރާ ބައެއް ސަރަހައްދުތައް ވެސް އޮތީ މާބޮޑަށް ބޭނުންކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި މިފަދަ ކަންކަން މިއީ ދެމެހެއްޓެނިވި ފަތުރުވެރިކަމާ ވަރަށް ބީރައްޓެހި ކަންތައްކެށް ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ، އެފަދަ ފަރުތަކާއި ސާފިން ޕޮއިންޓްތައް އަލުން ދިރި އާލާވުމުގެ ފުރުސަތު ދިނުމަށްޓަކައި، ވަކި މުއްދަތަކަށް އެތަންތަން ބަންދުކުރުން ކަމަށެވެ.
އަދި އެ ސަރަހައްދުތައް ފަތުރުވެރިންނަށް އަލުން ހުޅުވައިލާނީ، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމުތަކާވެސް އެކުގައި ކަމަށާއި، އެކަމަށް ބޭނުންވާ ގަވާއިދުތައް ވެސް ހެދިގެން ކަމަށެވެ.
ރައީސް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއާއި މުޅި ފަތުރުވެރިކަން ދެމިއޮންނާނީ، ޓޫރިސްޓުންނަށް ކުރެވޭ ތަޖުރިބާތަކާއި ކުރެވޭ އިހްސާސްތަކުގެ މަތީގައި ކަމަށާއި، މި ޖަޒީރާވަންތަ ރަށްތަކުން ފަތުރުވެރިންނަށް ކުރެވޭ އިހްސާސްތަކާއި ތަޖުރިބާތައް ކަމަށެވެ. ޓޫރިސްޓުން ހޭދަކުރާ ކޮންމެ ފައިސާފޮއްޗެއް އަގުކުރެވެންވާނީ، އުފާވެރިކަމާއި ހިތްހަމަޖެހުމުން ކަމަށެވެ.