ލޯނު ދޫކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން “އެސްއެމްއީ ފައިނޭންސިން އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ” ނަމުގައި ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގެސްޓް ހައުސް ސިމްޕޯސިއަމް ނިންމުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ވިޔަފާރިއެއްގެ މައިބަދަ އަކީ މާލީ ތަނަވަސްކަން ކަމަށެވެ. އަދި އެސްއެމްއީ ފައިނޭންސިން އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދަން ނިންމީ، ވިޔަފާރިތަކަށް އެކަން ފަހިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެސްއެމްއީ ފައިނޭންސިން އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އުފެދިގެން އަންނާނީ ޑިޕޮސިޓް ނުނަގާ ފައިނޭންޝިއަލް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މުސްތަގުބަލުގައި އެސްއެމްއީ ބޭންކެއްގެ ގޮތުގައި، ޑިޕޮޒިޓް ނެގޭގޮތަށް އެ ކުންފުނި ބަދަލުވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާ ކުންފުނީގައި މާލޭ ސިޓީ ކައުންސިލާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ހިއްސާ އޮންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ކުންފުނިން ގެސްޓް ހައުސްތައް އެޅުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ލޯނު ދޫކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ އާ ކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.