ރޯދަ މަހަށް ހާއްސަ ކޮށްގެން ގދ.ދެއްވަދޫގެ ގޭބިސީ ތަކުގެ ކުނި ހިލޭ އުކައިދޭ ގޮތަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ދެއްވަދޫ ކައުންސިލު އިދާރާއިން ވިދާޅުވީ، އެރަށު ގޭގެއިން ކުނި އުކައިދެނީ ކައުންސިލުން ކަމަށާއި އަދި ކޮންމެ ގެއަކުން ކުނި އުކައިދޭ ފީ އެއްގެ ގޮތުގައި 200 ރުފިޔާ ނަގާ ކަމަށާއި، ނަމަވެސް ރޯދަ މަހުގައި ކައުންސިލުން ގޭބިސީތަކުގެ ކުނި އުކައިދެނީ އެއްވެސް ފީ އެއް ނުނަގައި މުޅިން ހިލޭ ކަމަށެވެ.
ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ހިލޭ ކުނިއުކައި ދިނުމުގެ އިތުރުން، އެރަށުގެ ކޮންމެ ގެއަކަަށް ޑަސްބިނަކާއި، މަސްކޭހެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ދެއްވާދޫއަކީ އަބާދީގައި 1318 މީހުން ދިރިއުޅެމުންދާ ރަށެކެވެ. އެރަށު ކައުންސިލުން ދަނީ ކޮންމެ އަހަރެއްގައިވެސް، ރޯދަ އަށް ހާއްސަ ކޮށްގެން ރައްޔިތުންނަށް އެކި ހަދިޔާ ތައް ދެމުންނެވެ.