ކ. މާފުށީގައި، އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ޒުވާނަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިނދެ، ބަނޑަށް އަށް މަހުގައި ރޭ ފަތިހު މަރުވީ ފުވައްމުލަކު ހޯދަޑު، އޯޝަންވިލާ، ރަޝްފާ އަހުމަދެވެ. 

އުމުރުން 20 އަހަރުގެ ރަޝްފާ އަކީ  މާފުށީ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. އަދި ރަޝްފާ އެރަށުގައި ދިރިއުޅެމުން އަންނަތާ ދޮޅު އަހަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެެވެ.

މި ކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާބަނޑު އަންހެނަކު މަރުވި ހާދިސާއެއް ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މާފުށީ ސިއްހީ މަރުކަޒުންނާއި ހެލްތު މިނިސްޓްރީއަކުން އަދި ނުދެ އެވެ.

ރަޝްފާއާ ގުޅޭ މައުލޫމާތު "ޖަޒީރާއަށް" ކިޔާދެމުން މާފުށީ މީހަކު ބުނީ ރަޝްފާއަކީ ފިޓް ޖެހޭ ކުއްޖެއްް ކަމަށެވެ. އަދި ރަޝްފާ ރޭ އުޅުނީ ވަރަށް ބޮޑަށް ކެއްސާތީ  ކަމަށާއި އެހެންވެ ޑޮކްޓަރަށް ވެސް ދެއްކި ކަމަށެވެ.

ރަޝްފާގެ އާއިލާ އާއި ތިމާގެ މީހުންނަށް ލިބުނު ކުއްލި މި ހިތާމައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.  ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ފުވައްމުލަކުގައި ތިބި ރަޝްފާގެ އާއިލާގެ ބައެއް މީހުން ވަނީ މާލެ އައިސް، މާފުއްޓަށް ދިއުމުގެ މަގުމަތީގައިކަން އެނގިފައިވެ އެވެ.

ރަޝްފާގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާފުށީގައި މިއަދު މަޣުރިބު ނަމާދަށް ފަހުގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *