ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ، ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ ގައި ސްވަނާގެ ރޯލުން ފެނިގެންދާ ޕާރުލް ޗައުހަން އާއި އެކްޓަރު ޗިރާގް ތައްކާރު ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.
މި ދެތަރިން ހަނީމޫން ފާހަގަކުރަމުން ދަނީ ގެސްޓު ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މާފުށީގައެވެ. މިކަން ޕާރުލް އޭނާގެ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ވަނީ އޭނާގެ ސަޕޯޓަރުންނަށް ކަށަވަރުކޮށްދީފައެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޕާރުލް އާއި ޗިރާގު މުމްބާއީގެ އިސްކްކޮން މަންދިރުގައި ކައިވެނިކޮށްފައިވާއިރު އެކައިވެނީގައި ބައިވެރިވެފައިވަނީ ދެމީހުންގެ ވެސް އާއިލާގެ ފަރާތްތަކާއި ރަހުމަތްތެއެރިންނެވެ. އިންޑިއަން ސްޓައިލަށް ޕާރުލް އާއި ޗިރާގު ކައިވެނިކޮށްފައިވާއިރު އެދެމީހުން ފުރަތަމަ ބައްދަލުވީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެތަރިން އަންނަނީ ހަނީމޫންގެ ފޮޓޯތައް އެ މީހުންގެ އިންސްޓަރގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ.