ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން އެކަމާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓް ކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރު، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާބަން ޑިކްޝަނަރީގައި "ރެޑިކަލް"ގެ ، މާނައަކީ ހައްދުފަހަނައަޅައި ދިއުން ކަމަށެވެ. އަދި ހައްދުފަހަނަ އަޅައި ދިއުމުގެ ވިސްނުމަށް ކިޔާ ނަމެއް ކަމަށާއި، އެހެން ކަމުން ރެޑިކަލް ޕާޓީގެ ވިސްނުމާމެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިން ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސް އަކީ ކުރިން ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅި ފަރާތުން އެނަން މުރާޖައާ ކުރުމަށްފަހު ހުށަހެޅި ނަމެކެވެ.
އިލެކްޝަންސް ކޮމިޝަނުން ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއި ގުޅިގެން ސޯޝަލް މީޑިއާގައިވަނީ ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައެވެ.