2014 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓްރުގެ ހައިސިއްޔަތުން އުމަރު ނަސީރު، އެއިރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ފަރާތުން ދައުލަތުގެ ހަތިޔާރުގެ ތެރެއިން ފިސްތޯލައެއް ހޯދަން އުޅުން ކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ހޯމް މިނިސްޓްރީއިން ، ޑިފެންސް މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވި ދައުލަތުގެ ސިއްރު ލިޔެކިޔުމެއް ކަމަށް ބެލެވޭ ސިޓީއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މީސްމީޑިއާ އެކްޓިވިސްޓް ތައްޔިބު އޭނާގެ ޓްވިޓާ އެކައުންޓުގައި އާންމުވެފައިވާ ސިޓީއާއި އެކު ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އެ ސިޓީއަކީ އުމަރު ނަސީރު މީހުންނަށް ހަމަލާދިނުމަށް ފިސްތޯލައެއް ހޯދުމަށް އެދިފައިވާ ސިޓީއެއް ކަމަށެވެ.
އެ ސިޓީގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާ ދިނުމަށް ރާވަމުން ގެންދާކަން ޕޮލިސް ސާވިސްގެ އިންޓަލިޖެންސައް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކަނޑި ބޭނުންކޮށްގެން ހަމަލާ ދީފި ނަމަ އެމަނިކުފާނުގެ ސެކިއުރިޓީއަށް އެކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ހަތިޔާރު އެޅި ސިފައިންގެ މީހަކުު 24 ގަޑިއިރަށް އެމަނިކުފާނުގެ އަރިހުގައި ބެހެއްޓުމަށް ނުވަތަ ހުދު އެމަނިކުފާނުގެ އަތަށް ފިސްތޯލައެއް ދިނުމަށް އެދޭ ކަމަށެވެ. އަދި އެކަން އަވަސްކޮށްދިނުމަށް އުމަރު ނަސީރު ވަނީ އެއިރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ އަރިހުން އެދިފައެވެ.
މި ކަމާއި ބެހޭ ގޮތުން އުމަރު ނަސީރުގެ ބަހެއް ލިބިފައި ނުވާއިރު ހޯމް މިނިސްޓަރު ކަމުގައި އޭނާ ހުންނެވި އިރު ކޮރަޕްޝަންއާއި ފަސާދައިގެ އެތައް ތުހުމަތެއް ވަނީ އުމަރު ނަސީރަށް ކުރައްވާފައެވެ.