އެސްޓީއޯ އިން ހުޅުމާލޭގެ އުތުރު ފަރާތުގައި ތަރައްގީ ކުރަމުންދާ ލަގްޒަރީ ހޮޓާ ވިއްކާލުމަށް އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ 2011 ގައި އިމާރާތް ކުރަން ފެށި 250 ކޮޓަރީގެ މި ލަގްޒަރީ ހޮޓާ ގަންނަން ނުވަތަ އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.
އެސްޓީއޯ މި ހޮޓާ ވިއްކާލަން މިފަހަރު އިއުލާނު ކުރި އިރު، މީގެ ކުރިން 2016 ވަނަ އަހަރުވެސް ވަނީ މި ހޮޓާ ވިއްކާލަން ނިންމާ އިއުލާން ކޮށްފައެވެ. އަދި އޭރު އެ ހޮޓާ ވިއްކާލުމުގެ ގޮތުން ބައެއް ފަރާތްތަކާއެކު ވަނީ މަޝްވަރާ ކޮށް، ތިން ފަރާތަކުން ހޮޓާ ގަތުމަށް ހުށަހެޅުންވެސް ލިބިފައިވެއެވެ.
ނަމަވެސް ފަހުން އެސްޓީއޯގެ ނިންމުން ބަދަލުކޮށް ޖޮއިންޓްވެންޗާ އުސޫލުން ބަޔަކާ ގުޅިގެން ހޮޓާ ހިންގަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ އޭރުގެ އެމްޑީ ޝަހީރު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2011 ވަނައަހަރު އިމާރާތް ކުރުމުގެ މަސައްކަތް ފަށައި، 2013 ގެ ފެބްރުއަރީގެ ނިޔަލަށް އިމާރާތް ކުރުން ނިންމައި، 2013 ވަނަ އަހަރުގެ ނޮވެމްބަރު ފަހު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނިކޮށް، 2014 ވަނަ އަހަރު ވަނީ މި ހޮޓަލުގެ މަސައްކަތް ތަފާތު ސަބަބުތަކާ ހުރެ ހުއްޓިފައެވެ. މި ހޮޓަލުގެ މަސައްކަތް ކުރުމަށްޓަކައި ތައިލެންޑުގެ އެކްސިމް ބޭންކުން ވަނީ 32 މިލިއަން ޑޮލަރުގެ ލޯނެއްވެސް ދީފަ އެވެ. ތަފާތު ސަބަބުތަކާހުރެ ގިނަދުވަސްތަކެއް ވަންދެން ހޮޓަލުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މަޑުމަޑުން ހޮޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ގެންގޮސް ގާތްގަނޑަކަށް 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މިއީ 2011 އިން ފެށިގެން 2018 ގެ ނިޔަލަށް މި ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދެވުނު ވަރެވެ.