ރިޔާސީ އިންތިހާބު ކެމްޕެއިން ދުވަސް ވަރު އަސުރުމަލޭ ބުނެލީމަ ސިކުނޑިއަށް ކޮންމެ ބޭފުޅަކުގެވެސް އަންނަނީ ސިޔާސީ ޕޭޖެކެވެ. ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހިމް ޕްރޮމޯޓް ކުރަމުން ގެންދާ މި ޕޭޖުގެގެ ހިންގުން ވަރަށް ބޮޑު ތަނުން މަޑު ޖެހިއްޖެއެވެ. ރިޔާސީ އިންތިހާބުން ވީ ބޮޑު ބައްޔާއިއެކު މި ޕޭޖުވެސް މަޑުމަޑުން ފަނޑުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ދުވަސްވަރު ސިއްސައިގެން ދާވަރުގެ ބޮޑެތި ބިޔަ އިވެންޓްތައް ހަވާޔާއިއެކު ހިންގި އަސުރުމާ ޓީމު މިއަދު މިވަނީ ކަކުނި ހޮރަށް ވަދެ ފިލާފައެވެ. ރައީސް ޔާމީން ޕްރޮމޯޓް ކުރެއްވުމުގައި އަވަދި ނެތި އުޅުއްވި މި ޓީމްގެ ލީޑަރަކީ ރައީސް ޔާމީންގެ އަރިސް އަދި ކުރީގެ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި އަދްލީ އިސްމާޢީލް އެވެ. އަސުރުމާ ވުޖޫދަށް އައީ އޭރުގެ އެމްޑީޕީގެ އެންމެ ވަރުގަދަ ޝޯސަލް މީޑިއާ ޕްލެޓްފޯމް "ކުލަ ޔެލޯ" އާއި ވާދަ އަށެވެ. "ކުލަޔެލޯ" އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ޝޯޝަލް މީޑިއާ ޕްލެޓް ފޯމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަސުރުމާ ފެށުނީ "ކުލަޔެލޯ" ކޮންޓްރޯލް ނުކުރެވި ރާއްޖޭގެ ޝޯޝަލް މީޑިއާގައި ކުލަޔެލޯ ލީޑްކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ކޮންމެ އަކަސް 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ އަށް އެމްޑީޕީ ޕްރޮމޯޓްކުރި "ކުލަޔެލޯ" ވުޖޫދުން ގެއްލުނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވީ ފަހުންނެވެ. އޭރުގެ އިދިކޮޅު ނޫސް ތަކަށާއި، ޓީވީ ޗެނަލްތަކަށް ކުރަމުން އައި ޖެއްސުމާއި ފުރައްސާރަ "ކުލަޔެލޯ" އަށްވެސް ކުރީ ކަމަށް ވެދާނެއެވެ.

އަސުރުމާގެ ހަރަކާތްތައް މަޑު ޖެހި އެއްކޮށް އަޑު ކެނޑިފައިވީ ހިނދު ރިޔާސީ އިންތިހާބުން މި ޕޭޖުން ވަނީ އެތަކެއް ލައިވް އިވެންޓްތަކެއް ކޮށްފައެވެ. މެޑަމް ފާތުން ކިރިޔާ އަތަކަށް ހިރިލިޔަސް ފޭސްބުކްއިން ލައިވް ކޮށްގެން ނޫނީ ނުބޭއްވޭ ވަރުގެ އިވެންޓްތަކާއި، ހަފްލާތައް ފެންނަމުން ދިޔައީ މަދަކުން ނޫނެވެ. އަދި މެންބަރު ޔާމީން ރަޝީދުގެ ފިނިބުރު ލައިވް އަކީ އޭރުގައި އެންމެ ގިނައިން ފެންނަ އެއް ލައިވްއެވެ. މެންބަރު ޔާމީން ރަޝީދު ވެސް މިވަނީ ކުލަ ބަދަލު ކުރައްވާ އަސުރުމަލާ ފެޔަށް ޖެހިވަޑައިގެންފައެވެ. އަސުރުމާ ހިންގުމާއި ހަވާލުވެ ހުރި އިސް ފަރާތްތަކަށް އޭރުގެ ސަރުކާރުން ލިބެމުން ދިޔަ ފުރުސަތުތަކުގެ ވާހަކައަކީ ދޫކޮށް ނުލާ ދާ ވަރުގެ ވާހަކައެއް ނޫނެވެ. ބިޑް ތަކާއި އިވެންޓްތައް އެއްވެސް ހުރަހަކާ ނުލާ ލިބިފައިވަނީ ގައިމު ނުފޫޒު ބޮޑު އަސުރުމަލަކަށް ވާތީ ތާއެވެ. އަދި ނުވިތަނަކަށް "ގެޓުސެޓާއި" ސަރުކާރުން ދޫކުރަމުން ގެންދިޔަ ލޯނުތައް ފަސޭހަ ކަމާއެކީ އަސުރުމާ ކުދިންނަށް ލިބޭ ވާހަކައަކީ އެންމެން ދަންނަ ބޮޑު ސިއްރެވެ. އަސުރުމަލުގެ ނުފޫޒު ގަދަ މީހުން އޭރުގައި ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޮޑެތި މަޤާމުތަކާއި މިނިވަން ކޮމިޝަންތަކުގައިވެސް ވަކި ހިއްޕާލާފާއެވެ. މިވެސް އެންމެން ދަންނަ ބޮޑު ސިއްރެވެ.

އޭރުގައި އަސުރުމަލުގެ ނުފޫޒު ބޮޑު ކަމުން ޕީޕީއެމްގެ އެތެރޭގައިވެސް ވަނީ މި އަސުރުމަލުގެ ދެކެ ރުޅި އަންނަ މީހުން އިންތިހާއަށް ގިނަވެފައެވެ. ނަތީޖާއެއްގެ ގޮތުން އެތެރޭގެ ފެކްޝަންތައް އެކި ބަޔަށް ބެހި އެކިއެކި ނަންނަމުގައި ފޭސްބުކް ޕޭޖުތައް ދިޔައީ ފެންނަމުންނެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ އަސުރުމަލާއި ދިމާލަށް ވައްބަހުން ސްޓޭޓަސް ލިޔުނީ ރައީސް ޔާމީން އެންމެ އަރިސްކޮށް އުޅުނު މީހުންނެވެ. ތާސްބައިގެ ގަނޑުތަކުން ނަންދީގެން ވެސް ނިކުތީ ހަމަ މިބައިމީހުންގެ ޕޭޖުތަކެވެ.

އަގުބޮޑެތި އިވެންޓްތަކާއި، އިކުއިޕްމަންޓްތަކާއި އެކު ހަރަކާތްތެރިވި އަސުރުމާ މިއަދު މިވަނީ މޯޅިވެފައެވެ. އަސުރުމަލަށް ހަރީފު މޫސުން އައިސްފައިވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެ ވަޑައިގެން މަރިޔަނބު ގެއްލި ކަތިވަޅި ގެއްލި އަދި ކޮށި ދަނޑުވެސް ގެއްލުނު ފަހުންނެވެ. ކޯޓުން ބަލިވެ ވަޑައިގަތް ހިސާބަކީ އަސުރުމާ މުޅިން މޯޅިވެ ހަރީފު މޫސުމާ އަސުރުމާ ބައްދަލު ކުރި ހިސާބެވެ. ބާރަކީ ތާ އަބަދަށް ދެމި އޮންނާނެ އެއްޗެއް ނޫންކަން މިހާރު އަަސުރުމަލަށް އިހްސާސް ކުރެވޭނެއެވެ. މިހާރު މިއޮތީ އަސުުރުމަލަށް ހަރީފު މޫސުން އައިސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.