މި ދުވަސްވަރަކީ ޓެކްސީ ޑްރައިވަރުންނަށް ނިސްބަތްކޮށްގެން  އެކި މަންސަރަކުގައި އެކި ފެންވަރުގެ ވާހަކަ އެކި މީހުން ދައްކަމުން އަންނަ ދުވަސްވަރެކެވެ. ޓެކްސީ ޑްރައިވަރުންނަކީ ނަރުހުންނާއި ޑޮކްޓަރުން ފަދައިން  މުޖުތަމައަށް ބޮޑު ހިދުމަތެއް ކޮށްދޭ ބަޔަކަށް ވާއިރު އެމީހުންނަށް އަމާޒު ކުރެވޭ ބަހުގެ ހަމަލާތައް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ފާޑުކިޔުންތައް އަންނަނީ އިތުރުވަމުންނެވެ. "ދަތުރު ފެންނާނީ ފުރީމާއޭ" ބުނާ ބީދައިން ޓެކްސީ ޑްރައިވަރުންގެ އިހްސާސްތައް އެނގޭނީ ހަމަ ޓެކްސީ ކުރާ މީހުންނަށެވެ. ފަހަރުގައި އެހެން މީހުންނަށް އެމީހުންގެ އިހްސާސްތައް ދެނެގަންނަން އުނދަގޫވެދާނެއެވެ.

ޓެކްސީ ޑްރައިވަރުންނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ ސިނަމާލެ ބުރިޖު ހުޅުވި، މާލެއާއި، ހުޅުލެ އަދި ހުޅުމާލެ އެއް މަގަކުން ގުޅާލެވުނު ހިސާބުންނެވެ. ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް ޓެކްސީ ދަތުރެއް ކޮށްދޭ އަގު ބޮޑު ކަމަށް ބުނެ ގިނަ ބައެއްގެ ކަންބޮޑުވުން ޓްރާންސްޕޯޓު މިނިސްޓްރީއަށް އައި ހިސާބުން ފެށިގެނެވެ.

ބުރިޖު ހުޅުވި ދުވަސްވަރު ބުރިޖުން ހުޅުމާލެއަށް ކުރާ ދަތުރަކަށް ބައެއް ޓެކްސީތަކުން 100 - 150 ރުފިޔާގެ އަގެއް ނަގަމުން ދިޔައެވެ. ނަމަވެސް އެ އަގު މާ ބޮޑުކަމަށް ބުނެ ޓެކްސީ ޑްރައިވަރުން އެކި އަގު ނަގާ މައްސަލަ ހުއްޓުވުމަށް އެއިރުގެ ޓްރާންސްޕޯޓު މިނިސްޓްރީއިން ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުގެ އޮނިގަނޑެއް އެކުލަވާލައި އެކަން ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވައިދުގައި ހިމެނިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވައިދުގައިވާ، ޓެކްސީތަކުން ދަތުރުކޮށްދޭން ޖެހޭނެ އަގުތައް ކަމުގައި ބަޔާންކޮށްފައިވާ އޮނިގަނޑުގެ ދަށުން ހުޅުލެ، އަދި ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ކުޑަކަމަށް ބުނެ ގިނަ ޓެކްސީ ޑްރައިވަރުން އެއިރު ދިޔައީ ހުޅުމާލެއަށާއި ހުޅުލެއަށް ދަތުރު ނުކޮށްދޭނެ ކަމަށް ބުނަމުންނެވެ.

ނަމަވެސް އެއްވެސް ގޮތެއް ނެތުމުން 100 ރުފިޔާ ދީފައިވެސް ބައެއް މީހުން ދިޔައީ ހުޅުމާލެއަށް ޓެކްސީގައި ދަތުރު ކުރަމުންނެވެ.

ސުވާލަކީ 100 ރުފިޔާ މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ދަތުރުކުރުމަށް ބޮޑު ހެއްޔެވެ؟ މިކަމާއި އާންމު ފަރުދުން ދެކޭ ގޮތާއި ޓެކްސީ ޑްރައިވަރުން ދެކޭ ގޮތާއި ވަރަށް ތަފާތެވެ. ބައެއް ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީއިން މާލެ- ހުޅުމާލޭ ދަތުރަކަށް ކަނޑައެޅި 40 ރުފިޔާ އަކީ ކުޑަ އަގެކެވެ. އަދި 100 ރުފިޔާ ނުވަތަ 80 ރުފިޔާއަކީ އެ ދެމެދުގައި ދަތުރުކުރުމަށް ހެޔޮވަރު އަގެއް ކަމުގައި ޑްރައިވަރުން ގަބޫލުކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުން ނަމަ އެމީހުން ޓެކްސީ  ދުއްވަން ދާ ހަރަދަކީ ހަމަ އެކަނި ޕެޓްރޯލާއި ޑީސަލްއަށް ދާ ހަރަދެއް ނޫނެވެ. އޭގެ އިތުރުންވެސް އެތަކެއް ހަރަދެއް ދާ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެއެވެ.

އެގޮތުން ގިނަ ފަހަރަށް ޓެކްސީ ކުރާ މީހުން ޓެކްސީ ގަންނަނީ ލޯނު ނަގައިގެން ކަމަށާއި ޓެކްސީ ކޮށްގެން ލިބޭ އާމްދަނީ އިން އެ ލޯނު ދައްކާ ހަލާސް ކުރަން ޖެހޭ ކަމަށާއި ޓެކްސީ ކުރާ މީހުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އާއި މަހުޖަނަކު ހަވީރު ދަޅައަށް ފިނިކޮށްލަން ގަންނަ ކާރުން ނަގާ ޓެކްސް އާއި އެއްވަރު ކަމަށް ގިނަ ޑްރައިވަރުން ބުނެއެވެ.

އަދި މާލޭގައި ޓެކްސީގެ ހިދުމަތްދޭ ގިނަ ކާރުތަކަކީ ކުއްޔަށް ނަގައިގެން ދުއްވާ ކާރުތަކެއް ކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކުވެސް ލިބޭ އާމްދަނީ އިން ބޮޑު އިންސައްތައެއް ކާރުގެ ވެރި މީހާއަށް ދޭން ޖެހޭ ކަމަށް ޑްރައިވަރުން ބުނެއެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި މުޖުތަމައަށް ހީވެފައި އޮންނަނީ ޓެކްސީ ޑްރައިވަރުންނަކީ 24 ގައިއިރު މަސައްކަތް ކުރަން ޖެހޭނެ ބައެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށާއި ޓެކްސީ ޑްރައިވަރުންނަކީވެސް އިންސާނުންކަމަށާއި އެމީހުންނަށްވެސް އަރާމާއި ހުސްވަގުތާއި މިނޫންވެސް ވަގުތުތައް ބޭނުންވާނެ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެއެވެ.

މީގެ އިތުރުން މާލެއިން ހުޅުމާލެއަށް ދިޔުމަށް ނުވަތަ ހުޅުމާލެއިން މާލެއަށް ދަތުރެއް ކުރަން ޖެހޭނެ އަގަކީ 40 ރުފިޔާއަށް ހެދުމުން ގަޑިއަކު ލިބޭނީ 80 ރުފިޔާ ( ދެ ދަތުރަށް ވާ އަގު ) ކަމަށްވެސް ޑްރައިވަރުން ބުނެއެވެ. އަދި އެވަރުން މިހާރު މާލޭގެ ހަރަދުތައް ހުރި ގޮތުން އާދައިގެ މީލް އެއްވެސް  ނުލިބޭނެ ކަމަށް  ޑްރައިވަރުން ބުނެއެވެ.

އެހެންކަމުން ޓެކްސީ ދަތުރުތަކަށް ނަގަމުންދާ އަގުތައް ބޮޑު ކަމަށް ބުނެ ޓެކްސީ ޑްރައިވަރުންނަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު ޓެކްސީ ދުއްވާ ޑްރައިވަރުންގެ އަޑުވެސް އަހާލުން ކީއްތޯއެވެ؟ 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *