މީހަކާ އިނުމަކީ، ނުވަތަ ކައިވެނީގެ ގޮތުން ގުޅި ހަޔާތުގެ ބައިވަރިއަކު ހޯދުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. ތިމާއާ އެކަށޭނަ ބައިވެރިއަކު ހޯދުމަކީ ތިމާގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދޭނެ ކަމެކެވެ. އަދި ކައިވެނި ކުރުމަކީ ހަޔާތުގައި ކާމިޔާބުވެ ދިރިއުޅުމުގެ އިތުރު މަގްސަދެއް އުފެއްދުމަށް ހުޅުވާލެވޭ ދޮރެކެވެ. ދަރިން ހޯދުމާއި އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ހަޔާތުގެ އުފަލެކެވެ. 

ކައިވެނީގެ ގޮތުން ދިވެހިންގެ ތެރޭގައި އެންމެ ކުރިންސުރެވެސް ބައިވެރިޔާ ހިޔާރު ކުރުމުގައި މިނިވަންކަން ވަނީ ލިބިފައެވެ. އާއިލާއިން ދައްކާ މީހަކާ އިންނަން މަޖުބޫރު ކުރުވުން ދިވެހިންގެ ތެރޭގައި މާކަ ބޮޑެއް ނޫނެވެ. ދިވެހިން ކައިވެނި ކުރުމަށްޓަކައި ބައިވެރިއަކު ހޯދާ، ހަޔާތުގެ މުހިންމު ދަތުރުފަށާއިރު ފެނިގެންދަނީ މާގިނަ ދުވަސްތަކެއް ނުވެ ދަތުރަށް ފެށި އޮޑި ދިޔަވާ މަންޒަރެވެ. ނުވަތަ ފަރަށްއަރާ އޮޑި ފޫދާ މަންޒަރެވެ. ކުރު ގޮތަކަށް ބުނާނަމަ ކައިވެނި ރޫޅި ކުރި އުންމީދު ފުނޑުފުނޑު ވެގެންދާ މަންޒަރެވެ. މިހެން މިކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ ތިމާއަށް ބައިވެރިއެއްގެ ގޮތުގައި ހިޔާރު ކުރެވުނީ މުޅިން ތިމާއާ ނުގުޅޭ މީހެއްކަމަށް ވުމެވެ. ކައިވެނީގެ ގޮތުން ގުޅުމަށް ބަލަންޖެހޭ ކަންކަން ހުންނާނެއެވެ. ހަޔާތުގެ ބައިވެރިޔާއަކީ ތިމާއާއި އެކު މުޅި ހަޔާތް ހޭދަ ކުރުމަށްޓަކައި ހޯދޭ މިހާއެވެ. މިހެންކަމުން ކާމިޔާބު ހަޔާތެއް ވޭތުކުރުމަށްޓަކައި ތިމާއާ ގުޅޭ ބައިވެރިޔަކު ހިޔާރު ކުރަންވާނެއެވެ. އެގޮތުން އުމުރުން ދޮށީ އަންހެނަކާ ކައިވެނި ކުރުމަކީވެސް ގިނަގުނަ ފައިދާތަށް ދެފަރާތަށްވެސް ކުރުވާނެ ކަމެކެވެ. ކައިވެނި ކުރުމުގައި ވަކި އުމުރެއްގެ މީހެއް ހިޔާރު ކުރާކަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ދެފަރާތަށްވެސް ފައިދާވާނެ ގޮތް އިޙްތިޔާރު ކުރަންވާނެއެވެ.

ކައިވެނީގެ ގޮތުން ގުޅުމަށް އުމުރުން ދޮށީ އަންހެނެއް އިޙްތިޔާރު ކުރުމަކީ މައްސަލައެއް ނޫނެވެ. އުމުރުން ދޮށީ އަންހެނަކު ހިޔާރު ކުރުމުން ވާނީ ފައިދާއެވެ. ސަބަބުތަކަކީ އުމުރުން ދޮށިވުމުން، އެއަންހެނާއަށް ތިމާއަށް ކޮށްދެވޭނެ ކަންކަން މާގިނަވާނެއެވެ. ވިސްނުމުގެ ބާރާއި، ހަޔާތުގައި ކަންކަން ކުރާނެ ގޮތާއި، ހަޔާތުގެ ކަންކަން ރާވައިލަން މާ މޮޅުވާނެއެވެ. ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި ކުޅަދާނާ ވާނެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބޭނުންވާ ކެއްތެރިކަމާއި، ބުއްދީގެ ތަސައްރަފު ބޮޑަށް ފުދިފައިވާނީ އުމުރުން ދޮށީ އަންހެނުންގެއެވެ.

ބައެއް ޒުވާން ދިވެހިން ދެކޭގޮތުގައި ފިރިހެން ކުއްޖަކު އުމުރުން ދޮށީ މީހަކައި ކައިވެނި ކުރުމަކީ ލަދުވެތި ކަމެކެވެ. ނަމަވެސް އެއީ ލަދުވެތި ކަމެއް ނޫނެވެ. އެއީ ގޯސް ކަމެއް، ނުވަތަ ލަދުވެތި ކަމެއް ނޫން ކަން ސާބިތުވަނީ، ލޮބުވެތި ރަސޫލާ، މުހައްމަދު صلى الله عليه وسلم،  ޙަދީޖާ رضي الله عنه އާއި ކައިވެނި ބައްލަވައިގެންނެވި އިރު، ރަސޫލާ صلى الله عليه وسلم ގެ އުމުރުފުޅަކީ 25 އަހަރެވެ. އަދި ޙަދީޖާ رضي الله عنه ގެ އުމުރުފުޅަކީ 40 އަހަރެވެ. މިކަމުންވެސް އިނގެނީ އުމުރުން ދޮށީ އަންހެނަކާއި ކައިވެނި ކުރުމަކީ ހެޔޮ، ރަނގަޅު ކަމެއް ކަމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.