ނިމިގެންދިޔަ ހަފްތާއަކީ ރާއްޖޭގައި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުގެ ޚަބަރުތައް ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ހަފްތާއެކެވެ. ހުޅުމާލެއަށް ބުރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާ ފީ ބޮޑުވެ އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން ޓެކްސީ ޑުރައިވަރުން ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރިއެވެ. އަދި އެއާއެކު އިހު އޮތްގޮތަށް އެކަން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ހުއްދަ ދެއްވާފައެވެ. ނަމަވެސް މިއީ ހައްލުތޯއޭ ހަމަ ސުވާލު އުފެދެއެވެ. އަދި ސަރުކާރަށްވުރެ ޓެކްސީ ޑްރައިވަރުން ބާރުގަދަކަން ނޫނީ މިކަމުން ނުފެންނަ ކަމަށް އާންމު ގިނަ ބަޔަކުވަނީ މީސްމީޑިއާގައި ބުނެފައެވެ.

ކިތަންމެ އަވަހަށް ތާކަށް ދާންވެގެންވެސް ޓެކްސީ ސެންޓަރަކަށް ގުޅައިލުމުން ޓެކްސީއެއް އައުމަށް ގިނަ ވަގުތުތަކެއް ނަގައެވެ. އަދި އެކަން އެހެން ދިމާވާތީ ގިނަ މީހުން މަގުމައްޗަށް ނިކުމެ އަތްވާޅު ވަންދެން އަތް މައްޗަށް ނަގައިގެން ހުންނަން ޖެހެއެވެ. ގިނަ ފަހަރު އެހެން އަތް ނަގައިގެން ހޯދާ ޓެކްސީގައި އެހެން މީހަކު އިންނާނެއެވެ. މިކަންކަން ހައްލު ކުރުމުގެ ބޭނުމުގައި ޓެކްސީ ބޯޑު ތައާރަފް ކުރި ނަމަވެސް، އެ ބޯޑަކީ ގަވާއިދުން އިންނަ ޖެހޭތީ އިންނަ ބޯޑަކަށްވަނީ ވެފައެވެ. ފެހިކުލައިން ބޯޑު ދިއްލާފައި ހުއްޓަސް ކާރު އޮންނާނީ ފުރިފައެވެ. 

މިހެން މިކަން ހުރުމުން، ދިވެހިރާއްޖެ ކަހަލަ އާބާދީ ކުޑަ ގައުމަކަށް މިވަނީ ސްމާޓް ޓެކްސީ ނިޒާމެއްގެ ކޮންމެހެންވެސް ބޭނުންވެފައެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމު ކަމަށްވާ އަވަށްޓެރި އިންޑިޔާގައި ބޭނުންކުރާ ކަހަލަ ނިޒާމެއް މި ރާއްޖޭގައި ބޭނުން ނުކުރެވޭންވީ ކީއްވެ ހެއްޔެވެ؟ 

އުބަރ ކަހަލަ މޮބައިލް އެޕެއް ރާއްޖޭގައި ބޭނުން ކުރަން ފެށުމުން ޓެކްސީ ހޯދުމުގައި މިހާރު ތަހައްމަލު ކުރަން ޖެހޭ އެތައް އުނދަގުލަކުން ސަލާމަތްވާނެއެވެ. އެ އެޕްގައި ރަޖިސްޓްރީ ވެލުމަށްފަހު، ލޮކޭޝަން އޮން ކޮށްލާފައި ދަތުރު ފަށަން ބޭނުންވާ މަންޒިލާއި ދާން ބޭނުންވާ މަންޒިލް ޚިޔާރު ކުރުމުން އެވަގުތު ހުސްކޮށް ކައިރީގައި ހުރި ޓެކްސީތައް ދައްކައިދެއެވެ. އަދި ބޭނުންވާ ސައިޒެއްގެ ކާރު ޚިޔާރު ކުރެވެން ހުރެއެވެ. މިސާލަކަށް އެކަކު ދަތުރު ކުރާނަމަ އެންމެ ކުޑަ އަދި ގިނަ ބަޔަކާއެކު ދިގު ދަތުރެއް ކުރާނަމަ، ބޮޑެތި އުޅަނދު ޚިޔާރު ކުރެވެން ހުރެއެވެ. އަދި ބޭނުންވާ ވައްތަރެއްގެ ކާރެއް ޚިޔާރު ކުރުމުން ދަތުރަށް ދާނެކަމަށް ލަފާކުރެވޭ ޚަރަދު ދައްކުވައިދެއެވެ. އަދި ދަތުރަށް ކާރު ޚިޔާރު ކުރުމުން ކާރު އޮތްތާކުން ދަތުރު ފެށުމަށް ބޭނުންވާ މަންޒިލަށް ދަތުރުކުރާ ގޮތުގެ ތަފްސީލް ވަގުތާއެކު ފެންނަމުންދާނެއެވެ. އަދި ކާރުގެ ރަޖިސްޓްރީ ނަމްބަރާއި، ޑުރައިވަރުގެ ނަމާއި ނަމްބަރު ފެންނަން އިންނާނެއެވެ. އަދި ޑްރައިވަރަށް މަގު އޮޅި ނުވަތަ ޓްރެފިކެއްގައި ޖެހި ލަސްވާނަމަ، އެޕް ތެރެއިން ޑްރައިވަރަށް ގުޅައިލެވެން އިނދެއެވެ. އަދި ކޮންމެ ދަތުރަކަށް ޚާއްސަ ކޯޑެއް ދަތުރު ނަންގަވާ ފަރާތަށް ލިބޭނެއެވެ. އަދި ދަތުރު ފެށޭނީ އެ ކޯޑު ޑްރައިވަރާ ހިއްސާކުރުމުން ޑްރައިވަރުގެ މި އެޕްގައި ކޯޑު ޖެހުމުންނެވެ. އަދި ކޯޑު ޖެހުމާއެކު، ދަތުރު ކުރަންވީ ގޮތުގެ ތަފްސީލް އެޕުން ދައްކައިދޭނެއެވެ. އަދި ދަތުރު ކުރާ ފަރާތަށް ދަތުރު ކުރާ ގޮތުގެ ތަފްސީލް ވަގުތުން ފެންނަމުން ދާނެއެވެ.

މި ހިސާބުން ދެން ކުރާނީ މި ޝަކުވާއެވެ. ކޮންމެ މީހަކީ ސްމާޓް ފޯނެއް ނުވަތަ މޮބައިލް އިންޓަނެޓް ބޭނުންކުރާ މީހެއް ނޫނެވެ. މި ޒާތުގެ އެޕުން މިކަމަށްވެސް ހައްލެއްވަނީ ހޯދަ ދީފައެވެ. ދަތުރު ކުރާ މީހާ އަތުގައި ސްމާޓް ފޯނެއް ނެތެއްކަމަކު، އެހެން މީހަކަށްވެސް ދަތުރު ނެގޭނެއެވެ. އަދި ދަތުރު ކުރާ މީހާއަށް އެއްކަލަ ކޯޑާއި ޓެކްސީގެ ރަޖިސްޓްރީ ނަމްބަރ ހިއްސާކޮށްލުމުން ނިމުނީއެވެ. ޓެކްސީ އެތަނަކަށް ދިޔުމުން ފޯނަށް ނޮޓިފިކޭޝަން ލިބުމުން ބޭރަށް ނިކުމެ އެ ޓެކްސީއެއް ހޯދާލަން ވީއެވެ.

މި ކަހަލަ ނިޒާމެއް ގާއިމު ކުރުމުން ދެން ލިބޭނޭ އަނެއް ފައިދާއަކީ، ދަތުރަކަށް އެކަށޭނަ އަގެއް ދެއްކުމުގެ އުފާ ލިބުމެވެ. މިހާރު މާލޭގައި ނަމަ، ވިލިމާލޭ ފެރީ ޓާމިނަލުން އައިޖީއެމްއެޗަށް ދަތުރު ކުރިނަމަވެސް 20 ރުފިޔާ ނަގާނެއެވެ. އަދި ވިލިމާލޭ ޓާމިނަލުން އޭޑީކޭއަށް ދަތުރު ކުރިއަސް އެ އަގު ނަގާނެއެވެ. ނަމަވެސް ދެ ދަތުރަށް ހޭދަވާ ތެލުގެ ޚަރަދު ހާސްބައި ތަފާތެވެ. މިކަހަލަ އެޕެއްގެ ސަބަބުން، ކުރު ދަތުރަކަށް މަދުން އަދި ދިގު ދަތުރަކަށް އެ ދަތުރަކާ އެކަށީގެންވާ އަގެއް ދެއްކޭނެއެވެ.

މިފަދަ ނިޒާމެއް ގާއިމްކުރެވޭނީ ޓެކްސީ ސެންޓަރުތަކާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތައް އެއްގަލަކަށް އަރައިގެން އެކަށީގެންވާ ޕްލޭނެއްގެ ދަށުންނެވެ. އަދި މިކަމާ ގުޅިގެން ހަދަން ޖެހޭ އެންމެހާ ދިރާސާތައް ކުރެވިގެންނެވެ. އެހެން ނޫންނަމަ، ހަމަ ވެގެންދާނީ ސިނަމާލޭ ބުރިޖުން ހުރަސް ކުރުމަށް ކަނޑައެޅި ފީ އަށް ވީގޮތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *