ޕީޕީއެމްގެ ލީޑާޝިޕުން އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާތީވެ، އެ މައްސަލާގައި ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ ފަރާތުން ޤާނޫނީ ލަފާ ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
އީސީން މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އުފެއްދެވުމަށް ހުއްދަ ދީފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ނުރަސްމީ ގޮތެއްގައި އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މުޅި ލީޑާޝިޕް، އަބުދުއްރަހީމް އަބުދުﷲ އަލަށް އެއުފައްދާ ޕާޓީއާއި ގުޅިވަޑައިގަންނަވާ ކަމަށެވެ. އެކަމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ޕާޓީތައް ބަލަހައްޓާ ރެގިއުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަންބޮޑުވޭ، އެތައް ހާސް މެންބާޝިޕް ހިމެނޭ ޕާޓީއެއްގެ ލީޑާޝިޕް އެކީގައި އެހެން ޕާޓީއަކަށް ގޮސްފި ކަމަށްވަންޏާމު ދެން އެޕާޓީއަށް ކުރިއަށްދެވޭނެ އުސޫލަކީ ކޮބައިތޯ، ނުވަތަ އެޕާޓީގައި ދެން އިސްނަގައިގެން އެކަން ކުރާނީ ކޮން ފަރާތަކުންތޯ، މުޅި ލީޑާޝިޕް އެކީގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ދެން ވާނީ ކިހިނެއްތޯ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ގާނޫނުގައި ނުވަތަ ގަވާއިދުގައި އެކަމަކަށް އަލިއަޅުވާލާފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ އަމަލު ކުރާނެ ގޮތަކާމެދު ގާނޫނީ ފަރާތްތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
"ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ދައުލަތުގެ ބަންޑާރަ ނައިބްގެ ލަފާއެއްވެސް އަދި ބައެއް އެހެނިހެން ޝަރުއީ އެހެން ދާއިރާތަކާވެސް މިކަމުގައި މަޝްވަރާ ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، އެކަމާމެދު މަޝްވަރާކޮށް، ޓްރާންސިޝަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.