އަދުގެ ޒުވާނުންގެ މެދުގައި މަޝްހޫރުވެފައިވާ ސްނެޕް ޗެޓަކީ ވީޑިއޯ، ސެލްފީ އަދި ފޮޓޯ އެކަކު އަނެކަކަށް ފޮނުވުމަށް ޚާއްސަ އެޕެކެވެ. އެންމެ ޚާއްސަ އެއް ކަމަކީ ފޮނުވާ ފޮޓޯ ނުވަތަ ކުރު ވީޑިއޯ ސޭވް ނުވާކަމެވެ. އަދި ފަހުން ބަލައި ނުލެވޭކަމެވެ. ބެއްޔަސް ފޮނުވާ މީހާއަށްވެސް އެނގޭތީ ޒުވާން ޖިންސުން ލަތީފުން އެކި ބޭނުންތަކުގައި ސްނެޕް ޗެޓްގައި ޗެޓްކުރަމުން ދެއެވެ. އަދި ގަވާއިދުން ކޮންމެ ދުވަހަކު ކޮންމެވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފޮނުވާނަމަ ސްޓްރީކް ހިފެހެއްޓެއެވެ. އަދި ހަނދާން ނެތިގެން ނުވަތަ އިންޓަނެޓްގެ މައްސަލައެއް ޖެހިގެންވެސް ދުވަހެއް ވައްޓާލެވިއްޖެނަމަ، ސްޓްރީކް ގެއްލެއެވެ. ބައެއް މީހުން ސްޓްރީކް ގެއްލިދާނެތީ ގުޅައިގެން ނުވަތަ މެސެޖް ކޮށްގެން ހަނދާންވެސް ކޮށްދެއެވެ. އަދި ސްޓްރީކް ގެއްލިއްޖެ ނަމަ، ވާހަކަ ނުދައްކާ ތުން ހަދައިގެން ތިބެނީވެސް މަދެއްކޮށެއް ނޫނެވެ.

މި ދައްކަނީ ވަގުތު ބޭކާރުކޮށްލުމަށް ހަދާފައިވާ އެޕްތަކުގެ ތެރެއިން އެޕަކަށް ޒުވާން ޖީލު ގެއްލިފައިވާ މިންވަރުގެ ވާހަކައެވެ. އޭގެ ބަދަލުގައި އަހަރުމެން މުސްލިމުން ކޮންމެ ދުވަހަކު ކުރާ ނަމާދުގެ ސްޓްރީކްއެއް ހަދަމާ ހިނގާށެވެ!

ނަމާދު ސްޓްރީކް ކުރިއަށް ގެންދާނީ ކިހިނެތް؟

މިކަން ކުރާނީ ގުރޫޕްތަކެއްގެ ސިފާގައެވެ. ފަސްވަރަކަށް ކުދިންގެ ގުރޫޕެއް ހެދިދާނެއެވެ. ކޮންމެ ގުރޫޕެއްގައި އިސްމީހެއް ހުންނަން ވާނެއެވެ. ހުރިހާ އިސްމީހުން ހިމެނޭ ސޯޝަލް މީޑިޔާ ގުރޫޕެއް ހެދިދާނެއެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭ ކުދިން ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުން އެ ގުރޫޕެއްގައި ހިމެނޭ އެހެން ކުދިންނަށް ހަނދާން ކޮށްދީގެން ނުވަތަ ގޮވައިގެން ނަމަވެސް ނަމާދަށް ގެންދާނީއެވެ. އެކުގައި ގުރޫޕް ހަދައިގެން ނަމާދަށް ދެވޭނަމަ އެގޮތަށެވެ. އަދި ގުރޫޕްގެ އިސްމީހާ އެދުވަހެއްގެ ހާޒިރީ ނުވަތަ އަދާހަމަ އިސްމީހުންގެ ގުރޫޕްގައި ހިއްސާކުރާނީއެވެ. އެގޮތަށް އެކަން ކުރުމުގެ ބޭނުމަކީ، އެންމެ ރަނގަޅަށް އެކަން ކުރާ ގުރޫޕެއް ބެލުމެވެ.

މިހެން ދެންނެވީމާ، ހިތަށް އަރާނެއެވެ. ނަމާދަކީ މީހަކު ބުނީތީ ކުރަންޖެހޭ އަޅުކަމެއް ނޫނެއްނޫން ހެއްޔެވެ؟ އަދި ގުރޫޕް ހަދާފައި ނުކުރިޔަސް މިކަން ކުރެވިދާނެ ނޫން ހެއްޔެވެ؟ ނަމަވެސް ދަންނަވަންތޯއެވެ؟ ހެޔޮ ކަންތައްތައް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމަށްވަނީ އަންގަވާފައެވެ. 

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ﴾ [سورة المائدة 2]

މާނައީ: “ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމިހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ.”

އަދި މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެކަކު އަނެކަކަށް އެހީތެރިވާ ބައެކެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا)) [متفق عليه]

މާނައަކީ: “އެއް މުއުމިނަކު އަނެއް މުއުމިނެއްގެ މިޘާލަކީ އެކަތިއަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ.”

ބޮޑެތިވަމުން އަންނަ ކުދިން މިސްކިތަށް އެރުން މިވަނީ ހިތަށް އެރިއްޔާ ކުރަން އޮންނަ ކަމަކަށް ވެފައެވެ. އޭގެ ބަދަލުގައި މިކަމުގެ މުހިއްމުކަން ވިސްނައިދީ ނަމާދަކީ، ކޮންމެހެން ކުރަން ޖެހޭކަމެއްކަން އަންގައިދޭން އެބަ ޖެހެއެވެ. އަދި ރާއްޖެ ކަހަލަ ކުދިކުދި އާބާދީ ރަށްތައް ހިމެނޭ ރަށްތަކުގައި ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައި މިކަން ކުރެވިއްޖެނަމަ، މިކަމުގެ ސަބަބުން ރަނގަޅު ޖީލެއް ބިނާ ކުރެވިގެންދާނެއެވެ.

ސްނެޕް ޗެޓުގައި ތަފާތު ވަހުޝީ ފޮޓޯތަކާއި މަންޒަރުތަކުން ސްޓްރީކް ހިފެހެއްޓުމުގެ ބަދަލުގައި އާޚިރަތަށް ފައިދާކުރާނޭ ނަމާދު ސްޓްރީކް ހެދުން މާ ސަޅިވާނެކަން ޔަގީނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.