އަންނަ އަހަރު ގްރޭޑް އެކަކަށް ވަންނަ ހުރިހާ ކުދިންނަށް، އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ "ރީޔޫސަބަލް" ފުޅި ދިނުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކުރައްވައިފިއެވެ.
'ސުޕަ' ފެންފުޅި ދޫކުރުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ހަވީރު ކަލާފާނު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު އަބްދުﷲ ނަސީރާއި ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު މުނީރު ސަފިލްދީން އެވެ.
އެ ޕްރޮގްރާމް ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ވޭތުވެދިޔަ 40 ހަކަށް އަހަރު ވެސް ރާއްޖެއަކީ ތިމާވެށްޓަށް ވަރަށްބޮޑު ސަމާލުކަމެއްދޭ ގައުމެއް ކަމަށް ވިޔަސް، އެކި ސަބަބުތަކާ ހެދި މިހާރު ޕްލާސްޓިކް ބޭނުން ކުރުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. ޕްލާސްޓިކް މަދު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެގޮތުން އެއްފަހަރު ބޭނުންކުރާ ކޮތަޅު ސްކޫލްތަކުގައި މިހާރު ބޭނުން ނުކުރާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި މިއަދު ފެށި ޕްރޮގްރާމްގެ ދަށުން ވެސް ޕްލާސްޓިކް މަދުކުރަން މަގުފަހިވާނެ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.
"މިކަމުން އަޅުގަނޑުމެންނަށް މި ކުޑަ ކުރެވެނީ ޕްލާސްޓިކަށް އޮންނަ ޑިމާންޑް ނުވަތަ ބޭނުން ކުރެވޭ މިންވަރު. ސަޕްލައި ނުވަތަ އުފައްދާ މިންވަރު ކުޑަ ކުރުމާއި ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭ ތަކެތި އަގު ހެޔޮކޮށް، ފަސޭހައިން ލިބުމަކީ ވަށާ ޖެހޭ ގޮތަކަށް ޕްލާސްޓިކް މަދުކުރަން ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ މާލޭގެ 14 ސްކޫލްތަކާއި ފަސް ޕްރީ ސްކޫލަކަށް ސުޕަ ފެންފުޅި ހަދިޔާކޮށްފަ އެވެ. ޔުނިސެފްގެ އެހީއާ އެކު ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު ހުރިހާ ސްކޫލެއްގައި ވެސް ގްރޭޑް އެކަކަށް ވަންނަ ހުރިހާ ދަރިވަރުންނަށް ވެސް އެ ފުޅި ހިލޭ ދޫކުރާނެ އެވެ.