ސާއްބަ އެނިވާސަރީކަޕް 2018 ގެ ޗެމްޕިއަންކަން ޔޫތު ފުރެންޑްސް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޔޫތު ފްރެންޑްސް ހޯދީ އިއްޔެ ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ރިއަލް ސްޓަރސްގެ މައްޗަށް 3-1 ން ކުރި ހޯދައިގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއްނުޖެހި އެއްވަރުވެގެނެވެ. މެޗުގެ ފުރަތަމަ ލަނޑު 61 އެއްވަނަ މިނެޓްގައި ޖަހައިދިނީ ޔޫތު ފްރެންޑްސްގެ އަހުމަދު އިބުރާހިމެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ 66 ވަނަ މިނެޓްގައި ރިއަލް ސްޓަރސްއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު އަފްރާހެވެ. އެ ލަނޑަށްފަހު ޔޫތު ފްރެންޑްސްގެ ކުޅުން ރަނގަޅުކޮށް 79 ވަނަ މިނެޓްގައި މުހައްމަދު މަފާޒްޖެހި ލަނޑުން އަނެއްކާވެސް ލީޑު ނެގިއެވެ. އަދި މެޗު ނިމެންދަނިކޮށް އެޓީމުގެ އަހުމަދު ޚަލީލު އިތުރު ލަނޑެއް ޖަހައި ޔޫތު ފްރެންޑްސްއަށް ތަށި ޔަގީންކޮށްދިނެވެ. މި ލަނޑާއެކު އުފާފާޅު ކުރުމުގެ ތެރޭގައި އަހުމަދު ޚަލީލަށްވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. މި މެޗުގައި ޚަލީލުގެ އިތުރުން އެޓީމުގެ ޖާދު ﷲ އަލީއަށާއި ރިއަލް ސްޓަރސްގެ މުހައްމަދު ޚާލިދަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޔޫތު ފްރެންޑްސްގެ ޖާޒީ ނަމްބަރ 11 މުހައްމަދު މަފާޒެވެ.

ފައިނަލް މެޗު ނިމުމުން އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ޔޫތު ފްރެންޑްސްގެ މިފްޒާލް އިދްރީސް ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ރިއަލް ސްޓަރސްގެ އަހުމަދު އަޝްރަފެވެ. 7 ލަނޑާއެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއެކު އެންމެ މޮޅު ފޯވާޑުގެ މަގާމު ހޯދާފައިވަނީ ޔޫތު ފްރެންޑްސްގެ މުހައްމަދު މަފާޒެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ރޫހުގެ މުހައްމަދު ޔޫސުފެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޔޫތު ފުރެންޑްސްގެ ޖާދު ﷲ އަލީއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ރޫހު ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ މުހައްމަދު ނަބީލެވެ.

މި މެޗު ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ)، ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އަބުދުލްޢަފޫރު (ގަޕޯ)، ހަނިމާދޫ ދާއިރާގެ މެމްބަރ ހުސައިން ޝަހުދީ، ހދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ރާޖުނީ ޝުއައިބު، ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް އަދި އަލްފާޟިލް އިދުރީސް އަބުދުﷲ ވަނީ ބައިވެރިވެފައެވެ.

މި މުބާރާތަކީ ހަނިމާދޫގެ ޖަމިއްޔާއެއްކަމަށްވާ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. ދެއަހަރުން އެއް އަހަރު މި މުބާރާތް އޮންނައިރު، ދެން މި މުބާރާތް އޮންނާނީ 2020 ވަނަ އަހަރުކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މިނޫހަށްވަނީ މައުލޫމާތު ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *