ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާގެ ޝަރަފުގައި ކުޅޭ ހާއްސަ މެޗަށް، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް ރާއްޖެ އަތުވެއްޖެ އެވެ.

ޝްމައިކަލް، މިއަދު ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހާބާ ކީ، އިމްރާން އާއި އެފްއޭއެމް އިސްވެރިންނެވެ. އިމްރާންގެ ޝަރަފުގެ މެޗު އޮންނާނީ މިއަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އޭގެ ކުރިން  ކުރިން މާދަމާ ބާއްވާ އެފްއޭއެމްގެ މޯލްޑިވުސް ފުޓްބޯލް އެވޯޑް ހަފާުލާގައި އޭނާ ބައިވެރިވާނެ އެވެ.

ޝުމައިކަލް ޔުނައިޓަޑްގައި ކުޅުނު އަށް އަހަރު ތެރޭގައި އޭނާ ވަނީ ޔުނައިޓަޑާއެކު ފަސް ފަހަރަށް ޕްރިމިއާ ލީގް ހޯދާފަ އެވެ. އެފްއޭ ކަޕް ތިން ފަހަރު ހޯދި އެވެ. ލީގް ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގް އެއް ފަހަރު ހޯދި އެވެ.

ޝުމައިކަލްގެ މަޝްހުރޫކަން މުޅި ދުނިޔޭގައި ވިދާލީ،  1992 ވަނަ އަހަރު ޑެންމާކުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިރު އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޝުމައިކަލްގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވަނީ މިދިޔަ އަންގާރަ ދުވަހު މާލެ އައިސްފަ އެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ޝްމައިކަލް އާއި ސަލްގާޑޯ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ.

2000 ވަނަ އަހަރު ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ އޭޝީއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *