ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަގުސަދުގައި، ޒުވާނުންތަކެއް އުފެއްދެވި ފޭސްބުކް ޕޭޖު "ދިވެހި ޒުވާނުންގެ ޕާޓީ" ގެ ކުލަ ރައީސް ޔާމީން ފޭރި ގަންނަން މަސައްކަތް ކުރާކަމަށް އެ ޕޭޖު ހިންގާ ފަރާތްތަކުން ބުނެފިއެވެ. 

ރިޔާސީ އިންތިހާބު ނިމި އޭގެ ދުވަސް ކޮޅެއް ފަހުން ޒުވާނުންތަކެއް އިސް ނަގައިގެން އުފެއްދެވުމަށް މަސައްކަތް ކުރަމުން އަންނަ 'ދިވެހި ޒުވާނުންގެ ޕާޓީ'ގެ ކުލަ ހިޔާރުކުރީ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އެތައް ބައެއްގެ މެދުގައި ނެގުނު ވޯޓަކުން ކަމުގައިވެސް އެކަމުގައި ހަރަކާތްތެރި ވަމުން އަންނަ ޒުވާނުން މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް މި ޕާޓީ އަކީ އަދި މިހާތަނަށް އިލެކްޝަން ކޮމިޝަނަށް ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހެޅިފައިވާ ޕާޓީއެއް ނޫނެވެ. 

ޒުވާނުންތަކެއް އިސް ނަގައިގެން އުފެއްދި މި ޕޭޖަށް ވަނީ އެތައް ބައެއްގެ ހިޔާލާއި، ތަރުހީބު ލިބިގެން ގޮސްފައެވެ. ދިވެހި ޒުވާނުން ޕާޓީގެ ޕޭޖުން ވަނީ މިކަމާއި ދެކޮޅަށް ބަސްބުނެ، ފޭސްބުކް ގައި ބަޔާނެއް އާންމުކޮށްފައެވެ. "އަޅުގަނޑުމެންގެ ކުލައަކީ މިގައުމުގެ ކަނޑުތަކުގައި ވާ ވިލު (ޓާކޮއިސް) ކުލަ ކަމަށް ކަނޑައެޅުމަށް ޕޯލްތައް ނަގާ އެކަން ކުރުމަށް ނިންމާ އެކަމުގެ މަސައްކަތް ކުރަމުންދަނިކޮށް ރައީސް ޔާމީން އަލަށް އުފައްދަން މަސައްކަތް ކުރައްވާ 'ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުލަޔަށް މިކުލަ ކަނޑައެޅުމަކީ ފޭރުން ނޫން އިތުރު ކޮންކަމެއް ތޯ؟" ޒުވާނުންގެ ޕާޓީގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ. އަދި މިއީ އެޕޭޖުގެ ކުލަ ކަމަށާއި ކުލަ ފޮށީގައި ކުލަ މަދީތޯ ސުވާލު ކޮށްފައިވެއެވެ. ދިވެހި ޒުވާނުންގެ ޕާޓީގެ ފޭސްބުކް ޕޭޖަށްވަނީ 529 ލައިކު ލިބިފައެވެ.

މީސް މީޑިއާގައި ވައިރަލް ވެފައިވާ ޓްވިޓަރ ޕޯސްޓެއްގައިވެސް ވަނީ މިކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

ދިވެހި ޒުވާނުންގެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ މުރުޝިދު ވެސް ވަނީ މިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ. ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ ވުޖޫދަށް އަންނައިރު އެމަނިކުފާނަށް މިއޮތީ އަނެއްކާވެސް ކުލައެއް ފޭރި ގަންނަން އުޅޭ ކަމުގެ ތުހުމަތު ދިވެހި ޒުވާނުންތަކެއް ކޮށްފައެވެ. މުރުޝިދު ޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ މިއީ ވަރަށް އުއްމީދާއި އެކު ކުރަަމުން އައި މަސައްކަތެއް ކަމަށާއި ކުރި ހުރިހާ މަސައްކަތެއް ފެނަށް ވެއްޖެކަމަށެވެ. "ދިވެހި ޒުވާނުންގެ ޕާޓީގެ ކުލަ އަށް ކަޅު އަދި ވިލު ކުލަ ހަމަ ޖެއްސުމަށް އަޅުގަނޑު 'އިންޑިޕެންޑެންޓް ޔޫތް މޯލްޑިވްސް' ގައިވެސް އަދި އަމިއްލަ ޕްރޮފައިލްގައިވެސް ޕޯލް ނަގައި، ލޯގޯވެސް ހަދައިގެން މިއުޅެނީ. އެފެންނަނީ ނޫންތޯ ޕާޓީ ޕޭޖުވެސް؟" ޖަޒީރާ އަށް މައުލޫމާތު ދެމުން މުރުޝިދު ވިދާޅުވިއެވެ. 

"އަޅުގަނޑު ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑަކީ ނިކަމެތި ނޯޕާޓީ މީހާ. އަޅުގަނޑަކީ އާރެއް ބާރެއް ނެތް ނިކަމެއްޗެއް. އަޅުގަނޑަށް ވީ ވަރަކުން މިކަމާއި ދެކޮޅަށް އަޑުއުފުލަމުން މިދަނީ" މުރުޝިދު ވަރަށް އަސަރާއިއެކު ޖަޒީރާއަށް މައުލޫމާތު ދިނެވެ. 

ދިވެހި ޒުވާނުންގެ ޕާޓީ އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި އެއްވެސް ގުޅުމެއް އޮތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުރުޝިދު ވިދާޅުވީ، އެއްވެސް ކަހަލަ ގުޅުމެއް ނެތްކަމަށާއި ދިވެހި ޒުވާނުންގެ ޕާޓީ އަކީ އަދުގެ އެއްވެސް ސިޔާސީ ލީޑަރަކާއި ގުޅުމެއްނެތި ޒުވާނުންގެ އިސް ނެގުމުގެ މަތިން މިގައުމުގެ ސިޔާސީ މޫނުމަތި ބަދަލުކޮށްލުމުގެ ނިޔަތުގައި ކުރެވޭ ގައުމީ މަސައްކަތެއް ކަމުގައެވެ. 

"މިއީ އެކަކު ވަށާ އެންމެން އެނބުރޭ ސަގާފަތާ ސިޔާސަތު މުގުރާލާ ވަކި މީހަކަށް ނިސްބަތްނުވެ ޒުވާނުންގެ އަޑާއި އިހްސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޒުވާނުންގެ ވިންދާ ލެޔާ ގުޅިފައިވާ ކަމެއް" މުރުޝިދު ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަންސް އިން ވަނީ ރައީސް ޔާމީން ގެ އާ ޕާޓީ އުފައްދަވަން މިއަދު ހުއްދަ ދެއްވާފައެވެ. ރައީސް ޔާމީންގެ އާ ޕާޓީ ރަޖިސްޓްރީ ކުރައްވަން ފޯމު ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މިކަމާއި ގުޅިގެން އަދި ޕީއެންސީ އަކުން ވަކި އެއްޗެއް ނުބުނެއެވެ. މީސް މީޑިއާގައި ރައީސް ޔާމީނަށް ތާއިދު ކުރައްވާ ފަރާތްތަކުން ދަނީ މިކުލަ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.