މީހުން ދިރިއުޅޭ ރަށްތަކުގެ ކައިރީގައިވާ ރިސޯޓްތަކުން އެ ރަށްތަކުގައި ކުރެވޭ އެކިއެކި ކަންކަމުގައި އެހީތެރިކަން ދެއްވުމަކީ މުހިއްމު ކަމެށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ޗަމްޕާ ބްރަދާސް ކުންފުނިން ނ. ހެނބަދޫގައި ގާއިމުކުރި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރިސޯޓްތަކުން ކައިރީގައިވާ ރަށްތަކުގެ އަސާސީ ކަންކަން ކޮށްދޭ ނަމަ އެއީ ސަރުކާރަށް ލިބޭނެ ވަރަށްބޮޑު ލުޔެއް ކަމަށެވެ. ނަރުދަމާ އާއި ފެނުގެ ނިޒާމު ފަދަ އަސާސީ ކަންކަމަށް ބޭނުންވެފައިވާ ރަށްތަކުގެ ކައިރީގައި ހިންގާ ރިސޯޓްތަކުން އެކަންކަމުގައި އެހީތެރިވެދޭނަމަ، އެފަދަ ހިދުމަތްތައް ހަލުވި ކަމާއިއެކު ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަދަ ރަށްރަށާ ކައިރީގައި ހުރި ރިސޯޓްތަކުގެ އެހީތެރިކަން މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ލިބޭ ނަމަ ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރަޔަކަށް ނުވެ، އަދި ހަލުވި މިނެއްގައި އެފަދަ އަސާސީ ހިދުމަތްތައް ފުރިހަމަވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އާބާދީގައި 750 މީޙުން ދިރިއުޅޭ ހެނބަދޫގެ ނަރުދަމާ އަކީ 18.9 މިލިއަން ރުފިޔާގެ އަގުބޮޑު މަޝްރޫޢެކެވެ. އަދި ހެނބަދޫގެ ރައްޔިތުންނަށް ނަރުދަމާއެއް އަޅާދެއްވި ކަމަށްޓަކައި ޗަންޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ އަށް ރައީސް ޝުކުރު އަދާ ކުރެއްވެވިއެވެ.

ހެނބަދުއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ލަފާފުރުމުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ގެދޮރުވެރި ރައްޔިތަކަށް ހެދުމެވެ.

ރައީސް އިއްޔެ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި، އެމަނިކުފާނުގެ އުފަން ރަށް ކަމުގައިވާ، ޅ. ހިންނަވަރަށް ވެސް ވަޑައިގެންފަ އެވެ. އަދި މިއަދު ހެނބަދުއަށް ވަޑައިގަތުމުގެ ކުރިން ޅ. ނައިފަރަށް ވެސް ޒިޔާރަތްކުރެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *